މެލޭޝިއާގައި ދިވެހި ދަރިވަރުންނަށް ފުރަތަމަ ފަހަރަށް އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފި
26 އޮކްޓޯބަރު 2024 - 16:05
މެލޭޝިއާގައި އުޅޭ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވައިފިއެވެ.
"އެކުއެކީގައި" ނަމުގައި ބޭއްވި މި އޮރިއެންޓޭޝަނަކީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ މެލޭޝިއާގައި އެންމެ ފުރިހަމަޔަށް ކިޔެވުން ކުރިއަށް ގެންދިއުމަށްޓަކައި ދަރިވަރުން އެކި ދާއިރާއިން އަހުލުވެރިކުރުމަށް ބޭއްވޭ ޕްރޮގްރާމެއްކަމަށް ޚާޒިޖީ ވުޒާރާއިން ބުނެފަވެއެވެ.
'' މީގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަންމަތީތިބެ ކިޔެވުން، މެލޭޝިޔާގައި ކިޔަވަންތިބޭ އެހެން ކިޔަވާކުދިންނާއެކު ގުޅިގެން އުޅުން، ވިސާގެ ޤަވާއިދުގެ އިތުރުން މެލޭޝިޔާގެ އާދަކާދަޔާ ސަގާފަތަށް އަހުލުވެރިކޮށްދިނުން ހިމެނޭ'' އެ ވުޒާރާއިން ބުނެފަވެއެވެ.
މިޕްރޮގްރާމްގެ މުހިންމުކަން ފާހަގަކުރައްވާ ދިވެހި ހައިކޮމިޝަނުން ވިދާޅުވެފައި ވަނީ، އަލަށް ކިޔަވަންއަންނަ ކޮންމެ ދަރިވަރެއްގެ އިތުރުން މިހާރުވެސް މެލޭޝިއާގައި ދިރިއުޅޭ ދަރިވަރުން މި ޕްރޮގްރާމްގައި ބައިވެރިވެވޭނޭ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ޒަރިއްޔާއިން ދަރިވަރުންނަށް އެނގެންބެނުންވާ މުހިންމު މަޢުލޫމާތުލިބި ތަޢުލީމީ ހަޔާތުގައި މިމުޖުތަމަޢުއަށް ފުރިހަމަޔަށް އަހުލުވެރިވެގެންދާނެކަމަށެވެ.