"ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ ވާނީ ފޮނުވާފައި: ސަރުކާރު
28 އޮކްޓޯބަރު 2024 - 05:22

'ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް ފޮނުވާފައިވާކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ. މިކަމާގުޅޭ ގޮތުން އިއްޔެ ނެރުނު ބަޔާނެއް ގައި ސަރުކާރުން ބުނީ ޓެލެތޯނުން ލިބުނު ފައިސާ ފޮނުވާފައިވާނީ މި އަހަރުގެ އޯގަސްޓް މަހުގެ ވިހި ވަނަ ދުވަހުކަމަށެވެ.
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެ އިރުޝާދުގެ ދަށުން މިއަހަރުގެ ޖޫން މަހުގެ 12ވަނަ ދުވަހު ބޭއްވި މި އިވެންޓުން $1,248,826.56 (އެއް މިލިއަން ދެ ލައްކަ ސާޅީސް އަށް ހާސް އަށް ސަތޭކަ ސައްބީސް ޑޮލަރު ފަންސާސް ހަ ސެންޓް) ލިބިފައިވެއެވެ. މި އަދަދު ވަނީ އޮޑިޓް ފާމްއެއް ކަމުގައިވާ ކްރޯވ މޯލްޑިވްސް އެލްއެލްޕީ އިން ކަށަވަރުކޮށްފައެވެ. އަދި މި އިވެންޓަކީ ޕްބަލިކް ސާވިސް މީޑިއާ އިން ޤައުމީ ފެންވަރުގައި ބާއްވާފައިވާ އިވެންޓެކެވެ.

Ad by Hajj Corporation
އެފަދަ ބޮޑު އަދަދެއްގެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހި ރައްޔިތުން ހަދިޔާކޮށްފައިވާކަމީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާޢީދުގެ އިތުރުުން މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި, އެ ޤައުމާއި އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދިވެހިން ތިބި ކަމުގެ ހެއްކެކެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ދިވެހި ސަރުކާރުން ހަރުކަށިބަހުން ކުށްވެރިކުރާކަމާއި، ސަރުކާރުން މިހާރު ދަނީ ދިވެހި ރައްޔިތުން ހަދިޔާ ކުރި ފައިސާ ޚަރަދުކުރާނެ ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން އަންރުވާއާއެކު މަޝްވަރާކުރަމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.


