ބްރިޖްގެ ނިމުނީ 45 އިންސައްތަ، މަސައްކަތުގެ މުއްދަތު އިތުރެއް ނުކުރާނެ


28 އޮކްޓޯބަރު 2024 - 12:19
ފުރަމާލެ، ވިލިމާލެ، ގުޅީފަޅު ގުޅުވާލާ "ތިލަމާލެ ބްރިޖް"ގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ނިމުނީ 45 އިންސައްތައިގެ މަސައްކަތް ކަމަށާއި، ބްރިޖް ނިންމުމަށް މިހާރު ދީފައިވާ މުއްދަތު ދެން އިތުރު ނުކުރާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން ކުރައްވަމުންގެންދަވާ މުހިއްމު މަޝްރޫޢޫތަކާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މާލެ ތިލަފުށި ލިންކް މަޝްރޫޢާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ ބްރިޖުގެ ޕްރީކާސްޓް ސެގްމަންޓުގައި މިހާތަނަށް ނިމިފައިވަނީ %43.5 ކަމަށެވެ.
އަދި ތަނބުތަކުގެ ޕައިލިންގެ %79.5 އާއި ޕައިލް ކެޕްގެ %67.8 މަސައްކަތް ނިމިފައިވާއިރު، ޕިއަރ ކޮންޕްލެކްސްގެ %62.2 މަސައްކަތް ނިމިފައިވަކަމަށެވެ. މިއާއެކު މިހާތަނަށް ނިމިފައިވަނީ މުޅި މަޝްރޫޢޫގެ %45.82 މަސައްކަތެވެ.
އިންޑިއާ ސަރުކާރާއި މަޝްރޫއުގެ ކޮންޓްރެކްޓަރާއި މަޝްވަރާކޮށްގެން މުހިއްމު ބައެއް މަސައްކަތްތައް ލަސްވާ ލަސްވުން އަވަސްކޮށް ޝެޑިއުލާ އެއްގޮތަށް ބްރިޖްގެ މަސައްކަތް ނިންމާލުމަށްކަމަށް މަސައްކަތް ކުރަމުންގެންދަވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.ތިލަމާލެ ބްރިޖް މަޝްރޫޢުގެ %45.82 މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ.ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.