ނޮވެމްބަރުގެ ދެވަނަ ހަފުތާއަށް ފްލެޓް ލިސްޓު ނެރެވޭނެކަމުގެ ޔަގީންކަން އެބައޮތް: ވަޒީރު
ހައުސިން މިނިސްޓަރު އަލީ ހައިދަރު -- ފޮޓޯ/ ދައުރު
29 އޮކްޓޯބަރު 2024 - 11:51
މި އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް، ގެދޮރުވެރިޔާގެ ދަށުން ފެލްޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގެދޮރުވެރިކަމާއި ބިމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ގުޅީފަޅުން ގޯތި ދޫކުރަން ގުރުނެގި ދަރުބާރުގޭގައި ހުންނަވައި "މެންދުރު ޓީވީ" އާ ވާހަކަދައްވަމުން ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތްކުރީ މި ހިނގާ އޮކްޓޯބަރުގެ ނިޔަލަށް އެ ލިސްޓު ނެރުމަށް ނަމަވެސް، ދިމާވި ދަތިތަކުގެ ސަބަބުން އެކަން އެގޮތަށް ނުވީ ކަމަށެވެ.
އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދިމާވި ވަރަށް ގިނަ މައްސަލަ ޚާއްސަކޮށް ފަށައިގެންއިރު ތަންކޮޅެއް ބަޖެޓުގެ ދަތިތަކާ އެކީގައި އަޅުގަނޑުމެންނަށް މަސައްކަތް އެންމެ ބާރުމިނުގައި ނުގެންދެވުނީމާ އިތުރުވަގުތު އަޅުގަނޑުމެން ބޭނުންވާތީ މިހާރު އަޅުގަނޑުމެން ނިންމާފައި މިއޮތީ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި ލިސްޓު އާންމުކުރަން އިނގޭތޯ - ގެދޮރުވެރިކަމާއި ބިމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު
ވަޒީރު އެފަދައިން ވިދާޅުވިއިރު، ގެދޮރުވެރިޔާގެ ލިސްޓުތައް އާންމުކުރަން އޮތީ މި ހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް އެ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު "ހައުސިންގް އެޑްވައިޒަރީ ކޮމިޓީ" އާއި މާލެ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިންގް ކޮންސަލްޓެޓިވް ކޮމިޓީ" އިން ވެސް ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އެކުލަވާލައިފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނާތީ އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޭޝަން ފޯމުތައް ރީ-އިވޭލުއޭޓް ކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ނިންމާލެވޭނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާގެ ތެރެއަށް ކަމަށް ވެސް އެ ބަޔާނުގައި އެ ވުޒާރާއިން ބުންޏެވެ.
ގެދޮރުވެރިޔާގެ ދަށުން ހުޅުވާލި ފުރުސަތުގައި މިދިޔަ ސަރުކާރުން ވަނީ ފުރަތަމަ 4،000 މީހުންނަށް ފްލެޓް ދިނުމަށް ނިންމައި، ދާއިމީ ލިސްޓެއް އެކުލަވާލައިފައެވެ. އެހެން ނަމަވެސް އެ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަމުންދަނިކޮށް، އެ މަސައްކަތް ހުއްޓަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައި، އެ ލިސްޓުގެ މައްސަލަ ބަލަން އެ ކޮމިޝަނުން ފެށިއެވެ.
އެގޮތުން އޭސީސީން ހިންގި ތަހުގީގުގައި ބެލި ފޯމުތަކުން 59.6 އިންސައްތަ ފޯމުތަކަކަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ބުނެފައިވެއެވެ. އެއާއެކު އެ ލިސްޓު އަލުން ބަލައި، ރިވިއުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށިއެވެ.