ގެދޮރުވެރިޔާ ސްކީމް: މިހާތަނަށް 588 މީހަކު ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި
14 ސެޕްޓެމްބަރު 2025 - 10:27

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު އެއްބަސްވުމުގައި މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ސޮއިކޮށް، 588 މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.
އެކޯޕަރޭޝަނުން މެންދުރާ ހިއްސާކުރި މައުލޫމާތުގައިވާގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް މާދަމާ އެފްޑީސީގެ "ފަހި" ޕޯޓަލްއިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެފްޑީސީގެ ޕޯޓަލް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ތަޅުދަނޑި ހަވާލުކުރުމަށް ވަނީ ތާވަލުކުރެވިފައެވެ. 4000 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކަށް ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު އެންމެ ފުރަތަމަ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ "އަމާން އުދަރެސް"ގެ 14 ވަނަ ޓަވަރުކަމަށާއި ޓަވަރުތައް ހަވާލުކުރެވޭއިރު ޓަވަރުތަކުގައި ފެނާއި، ކަރަންޓާއި އަދި ނަރުދަމާގެ ނިޒާމު ފުރިހަމަވެފައި ހުންނާނެކަން އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރެވޭ މި 4000 ސޯޝަލް ހައުސިންގ ޔުނިޓުގެ ތެރެއިން، މިހާތަނަށް 3000 އަށްވުރެ ގިނަ ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކުރެވި، ޔުނިޓުތައް ހަވާލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ ކޯޕަރޭޝަނުން ދަނީ ވަމުންނެވެ. މިގޮތުން، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް، އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ އިންތިޒާމްތައް ވެސް އެ ކޯޕަރޭޝަނުން ދަނީ ހަމަޖައްސަމުންނެވެ. ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ފަހުގައެވެ. އެ ކޯޕަރޭޝަންގެ އަމާޒަކީ ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޔުނިޓު ލިބުނު ފަރާތްތަކާ ޔުނިޓު ހަވާލުކުރުމެވެ.

Ad by Hajj Corporation
މެންދުރަށް ލިބުނު މައުލޫމާތުގައިވާގޮތުން މިހާތަނަށް 588 މީހަކު ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވެއެވެ. އަދި މިހާތަނަށް ޑިޕޮސިޓް ދައްކަން ތާވަލުކުރީ 909 މީހުންނާއެކު ކަމަށް ވެސް އެފްޑިސީއިން މައުލޫމާތު ދެއެވެ. ޔުނިޓުތަށް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ފަހުގައެވެ.
މިހާތަނަށް 3،131 އެއްބަސްވުމެއްގައި ސޮއިކުރަން ތާވަލުކޮށްފައިވާއިރު އޭގެ ތެރެއިން 3،119 އެއްބަސްވުމެއްގައި ސޮއިކޮށް ވަނީ ނިމިފައެވެ.
2 ކުންފުންޏަކާ ހަވާލުކޮށްގެން އެފްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދަނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓުތަކެކެވެ.


