ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ހަބް ޖުލައި މަހު ހުޅުވަނީ
16 އޭޕްރީލު 2026 - 04:42

ހުޅުމާލެ ފޭސް 2 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ތަރައްޤީކުރާ "އެމްޕަވަމަންޓް ހަބް" ގެ މަސައްކަތްތައް ނިންމާ، އަންނަ ޖުލައި މަހުގެ ތެރޭގައި އެތަނުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން ހާމަކޮށްފި އެވެ.
މި މަރުކަޒަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޒަކާތު ފަންޑުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގުޅިގެން ބިނާކުރާ ތަނެކެވެ. ހުޅުމާލެ ފޭސް 2 ގެ "އަމާން އުދަރެސް" 7 ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކުރާ މި މަރުކަޒުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މިހާރު ކުރިއަށްދަނީ އިމާރާތް ރޭނުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

Ad by Hajj Corporation
މި ހަބް ފަރުމާކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށެވެ. އެގޮތުން ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ޚާއްސަ "ޓެކްޓައިލް ޕާތުވޭ" ތަކާއި، ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން، އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ "ސެންސަރީ ރޫމް" އެއްވެސް މި މަރުކަޒުގައި ހުންނާނެ އެވެ.
މި މަރުކަޒަކީ މި ދާއިރާގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކާ ގުޅިގެން، އެއް ފުރާޅެއްގެ ދަށުން ފުޅާ ދާއިރާއެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގާއިމުކުރެވޭ ފުރަތަމަ މަރުކަޒެވެ.
މި މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ މުހިންމު ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ:
- ކަލިނަރީ އަދި ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ ތަމްރީނުތައް
- ރީޓެއިލް ވިޔަފާރީގެ ދާއިރާއިން މީހުން ބިނާކުރުމުގެ ތަމްރީނުތައް
- އައިޓީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ދެވޭ ތަމްރީނުތައް
- އަތްތެރި މަސައްކަތާއި އެކި ފަންނީ ހުނަރުތައް އުނގަންނައިދިނުމުގެ ޕްރޮގްރާމްތަކެވެ.
މި މަރުކަޒުގެ މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގައި ބޭނުންތެރި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބަޔަކަށް ހެދުމަށް ބޭނުންވާ ފަންނީ އަދި އިލްމީ ހުނަރުތައް ފޯރުކޮށްދިނުމެވެ. ޖުލައި މަހު މި ހަބް ހުޅުވުމާއެކު، ގިނަ ބަޔަކަށް މީގެ މަންފާ ކުރާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.


