ފުލެޓަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ލިޔުން އެފްޑީސީ ޕޯޓަލުން ލިބޭނެގޮތް ހަދައިފި
7 މޭ 2026 - 05:11

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ޑޮކިއުމަންޓްތައް އެފްޑީސީ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
މިކަމާއިގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ ފްލެޓު ލިބުނު މީހުންގެ ތެރެއިން އެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން ބައެއް ފަރާތްތަކުން އެދެމުންދާ ކަމަށާއި އެހެންކަމުން އެފަދަ ފަރާތްތަކަށް އެކަމަށް ބޭނުންވާ ހުރިހާ ލިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަގުޗާޓާއި އެއްގޮތަށް އެއްވެސް ފިޒިކަލް ޑޮކިއުމެންޓެއް ހުށަނާޅާ އޮންލައިންކޮށް ވަން ކްލިޕް މެދުވެރިކޮށް ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދިި އެފްޑީސީގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް އިދާރީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކޮށްފައިވާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން ރަށްވެހިކަން އެފްލެޓްތަކަށް ބަދަލުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެކުންފުނިން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށްފައިވާ ކަމަށާއި މިކަމުގައި ސިޓީ ކައުންސިލުން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

Ad by Hajj Corporation
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 32 ޓަވަރުގައި 4000 ހައުސިންގ ޔުނިޓް ހިމެނެއެވެ. މި ފްލެޓްތަކުގައި 30،000އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭނެކަމަށް އަންދާޒާ ކުރެވެއެވެ.


