4000 ފްލެޓްގެ ނަރުދަމާ މަސައްކަތް ޓެސްޓިން މަރުހަލާގައި
7 ސެޕްޓެމްބަރު 2025 - 08:15

ހުޅުމާލޭ ފޭސް 2ގައި އެފްޑީސީން ތަރައްޤީކުރަމުންދާ 4000 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް އެއްވެސް ދަތިކަމެއްނެތި ފޯރުކޮށްދެވޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވި ގޮތުގައި، މި ޓަވަރުތަކުގައި މިހާރު ކުރިއަށްދަނީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތަކާއި ފިނިޝިންގ މަސައްކަތްތަކެވެ. އޭގެ ތެރޭގައި ފްލެޓްތަކަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ ޔުޓިލިޓީ ޚިދުމަތްތައް ގުޅައި ޓެސްޓްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

Ad by Hajj Corporation
ފްލެޓްތަކުގެ އެގްރިމެންޓް ތަކުގައި ސޮއިކުރަންދާ ސަރަހައްދުގައި އެމްޑަބްލިއުއެސްސީގެ ހާއްސަ ސްޓޯލެއް ހުރެއެވެ. މަތީން ވިދާޅުވީ، އެ ސްޓޯލް އިން، ކަނެކްޝަން ގުޅުމަށް ފޯމު ހުށައެޅުމާއި ރަޖިސްޓްރީކުރުމާއި އެނޫންވެސް ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކުރުމުގައި އެ ކުންފުނީގެ މުވައްޒަފުންގެ އެހީތެރިކަން ލިބިގެންދާނެކަމަށެވެ.
ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަހައްދުތަކުގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ރަނގަޅުކުރުމުގެ މަސައްކަތްވެސް އެޗްޑީސީއާއި އެފްޑީސީ ގުޅިގެން ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް މަތީން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޔުނިޓްތައް ލިބޭ ފަރާތްތަކަށް ޚިދުމަތްތަކަށް ރަޖިސްޓްރީވުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ޤާބިލުކަން އިތުރުކުރުމަށް 10,000 ޓަނުގެ އައު ފެން ރައްކާކުރާ ޓޭންކެއް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި އިތުރު 10,000 ޓަނުގެ ފެން ރައްކާކުރާ ޓޭންކެއްގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައިކަމަށް މަތީން ހާމަކުރެއްވިއެވެ. މި މަސައްކަތްތަކާއެކު، ފްލެޓްތަކަށް މީހުން ބަދަލުވާއިރު އެއްވެސް ދަތިކަމެއްނެތި ހިދުމަތްތައް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އެމްޑަބްލިއުއެސްސީން ވަނީ ދީފައެވެ.