ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިން ޕްރޮގްރާމް ފަށައިފި


04 ނޮވެމްބަރު 2024 - 11:15
ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިން ޕްރޮގްރާމް ފަށައިފިއެވެ.
މިއީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރުސީ.އެމް) އިން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ 4 ދުވަހުގެ ތަމްރީން ޕްރޮގްރާމެކެވެ. 4 ނޮވެމްބަރުން ފެށިގެން 7 ނޮވެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މުޖުތަމައުގައި އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކޮށް، ދައުލަތް ޖަވާބުދާރީކޮށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައެއް ބިނާކުރުންކަމަށް އެޗްއާރްސީއެމްއިން މައުލޫމާތުދެއެވެ. މާލޭގައި ކުރިއަށް ގެންދާ ހިއުމަން ރައިޓްސް ޑިފެންޑަރސް ޓްރެއިނިންގެ ޕްރޮގްރާމުގައި 25 ފަރާތެއް ތަމްރީނުކުރެވިގެންދާނެކަމަށާއި މިއަހަރު މި ޓްރެއިނިން ކުރިއަށްގެންދަނީ ޓްރާސްޕޭރެންސީ މޯލްޑިވްސް (ޓީ އެމް) އަދި ޔޫއެސް އޭޖެންސީ ފޮ އިންޓަރނެޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އެހީތެރިކަމާ އެކުގައިކަމަށް އެޗްއާރްސީއެމްއިން މައުލޫމާތުދެއެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (OHCHR) އިން ހިއުމަން ރައިޓްސް ޑިފެންޑަރސް (އެޗް.އާރު.ޑީ) މާނަކުރަނީ މަދަނީ އަދި ސިޔާސީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ އިތުރުން އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތައް ރައްކާތެރިކޮށް، އެ ޙައްޤުތައް ހޯދައިދިނުމަށް ސުލްހަވެރިގޮތެއްގައި މަސައްކަތްކުރާ ފަރުދުންގެ ގޮތުގައެވެ. ހިއުމަން ރައިޓްސް ޑިފެންޑަރސް ވަކިވަކި ފަރުދުންގެ ނުވަތަ ޖަމާޢަތްތަކުގެ އެއްވެސް އިންސާނީ ޙައްޤެއް ގެއްލިފައިވާ ކަމުގައި ވަނީނަމަ އެޙައްޤެއް ހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ.
މީގެކުރިން ހިއުމަން ރައިޓްސް ޑިފެންޑަރސް ޓްރެއިނިން ޕްރޮގްރާމެއް 2021ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައި، އަދި 2023 ވަނަ އަހަރު ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންގޮސްފައިވެއެވެ. މިފަދަ ޕްރޮގްރާމްތައް އިންތިޒާމް ކުރުމުގައި ކޮމިޝަނުގެ އުއްމީދަކީ ތަމްރީނުވާ ފަރާތްތަކަކީ މުޖުތަމައުގައި އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، އަދި ކޮމިޝަނާއި، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކޮށް، ހަވާސާވެފައިވާ ފަރާތްތައް ބާރުވެރިކުރުވައި، ދައުލަތް ޖަވާބުދާރީކޮށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބަޔަކަށް ވެގެންދިޔުމެވެ.
އިތުރު ލިޔުންތައް

ހިއުމަން ރައިޓްސް ޑިފެންޑަރުންނަށް ހުރި ނުރައްކާތައް ހައްލުކުރުމަށް ފޯރަމެއް ބާއްވައިފި
7 މަސް ކުރިން
ނޮޅިވަރަންފަރުގެ ފްލެޓް ލިސްޓު ބާތިލުކުރަން އެޗްއާރްސީއެމް އިން އަންގައިފި
6 މަސް ކުރިން
ހިއުމަން ރައިޓްސް ޑިފެންޑަރސް ޓްރެއިނިން ޕްރޮގްރާމް ބާއްވައިފި
5 މަސް ކުރިން