ލިއުން ފޮނުވީ އައިކޮމްގެ ނިންމުމާ ފުށުއަރާ ގޮތަށް، އެޗްއާރްސީއެމްގެ ކަންބޮޑުވުން


29 މޭ 2025 - 10:45
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ނުލިބުނު މީހުންގެ ހައްގު ހޯދަން ހައުސިން މިނިސްޓްރީ އާއި އެޗްއާރުސީއެމްއާ ގުޅިގެން ކުރި މަސައްކަތްތަކުގެ ލިއުން ހޯދަން ފަހި ޔޫނިއަން އިން ހުށަހަޅައިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިއަށް ގެންދިޔަ މައްސަލައިގެ ނިންމުމާ ފުށުއަރާ ގޮތަށް، އެތަނުން އެޗްއާރުސީއެމަށް ރިޕޯޓް ފޮނުވުމުން ކަންބޮޑުވެއްޖެ އެވެ.
މަަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މީޑިއާގައި ދައްކަމުންދާ ވާހަކަތައް ދޮގުކޮށް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މަޢުލޫމާތު ހުށަހެޅުމުގައި ހޯދަން އެދިފައިވާ މިންވަރަށް އެޗްއާރްސީއެމްއިން މައުލޫމާތު ދޫކޮށްފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންވެސް ފާހަގަކޮށްފައިވާކަމަށެވެ.
ފަހިޔޫނިއަންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި އިލްތިމާސް ހުށަހަޅުއްވާފައިވާ ފަރާތުން 17 އޮގަސްޓު 2024 ގައި މަޢުލޫމާތަށް އެދި ހުށަހެޅުއްވި ހުށަހެޅުއްވުމުގައި "ގެދޮރުވެރިޔާ މަޝްރޫޢު" އާ ގުޅިގެން ފްލެޓް ގެއްލުނު ފަރާތްތަކުގެ ޙައްޤު ހޯދުމަށް މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓާއެކު އެ ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ލިޔެކިއުންތަކާއި ޚާއްޞަކޮށް ލިސްޓު ބާޠިލުނުކުރާނެކަމަށް މިނިސްޓަރު ވިދާޅުވި ބަސްފުޅުގެ ލިޔުމަށް އެދިފައިވާކަމަށް ކޮމިޝަނުން ބުނެއެވެ.
" މި ހުށަހެޅުއްވުމާ ގުޅިގެން،މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެދިފައިވާ މަޢުލޫމާތަކީ މި ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅުންހުރި ލިޔެކިޔުންތަކެއް ކަމަށާއި، މި މައްސަލަ ކޮމިޝަނުން ތަޙްޤީޤުކޮށް ނިމުމުން މައްސަލަ ހުށަހެޅުއްވި ފަރާތަށް ޖަވާބު އަރުވާނެ ކަމުގައި 03 ސެޕްޓެންބަރު 2024 ގައި މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅުއްވި ފަރާތަށް ޖަވާބު ދީފައިވާނެއެވެ. މި ނިންމުން މުރާޖަޢާކުރުމަށް އެދި ހުށަހެޅުއްވުމުން، 08 އޮކްޓޫބަރު 2024 ގައި މުރާޖަޢާ ކޮމިޓީއިންވަނީ މަޢުލޫމާތަށް އެދި ހުށަހަޅުއްވާފައިވާ ފަރާތަށް ދީފައިވާ ޖަވާބުގައި އިންފޮމޭޝަން އޮފިސަރު ދީފައިވާ މަޢުލޫމާތު ރަނގަޅު ކަމަށް ކަނޑައަޅައި، މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު އަދި މަޝްރޫޢުގެ ދަށުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ ލިސްޓް ބާޠިލްކޮށް އަލުން އިޢުލާނު ނުކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މި ކޮމިޝަނަށް ދެއްވާފައިވާކަން ބަޔާންކޮށް، 11 ފެބުރުވަރީ 2024 ގައި މި ކޮމިޝަނުން ނެރެފައިވާ "ގެދޮރުވެރިޔާ މަޝްރޫޢާ ގުޅިގެން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ" ނޫސްބަޔާނުގައި((PR)168-A/168/2024/1) ހިމަނާފައިވާކަން ވާނީ މައްސަލަ ހުށައެޅި ފަރާތަށް ލިޔުމުން އަންގާފައެވެ."
އަދި ކޮމިޝަނުން މައްސަލަ ތަޙްޤީޤުކޮށް ނިމުމުން، އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު މަޢުލޫމާތަށް އެދުނު ފަރާތާ 09 ނޮވެންބަރު 2024 ގައި ޙިއްސާކޮށްފައިވާކަމުގައި އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ. ކޮމިޝަނުން ބުނީ ޖަވާބުންވެސް، އެދިފައިވާ މަޢުލޫމާތުތަކަކީ ކޮމިޝަނުގައި ހުރި މަޢުލޫމާތުތަކެއްކަން ދޭހަވާކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 28 އޭޕްރިލް 2025 ގައި ބާއްވަވާފައިވާ ބައްދަލުވުމުގައި އިއްވަވާފައިވާ މައްސަލައިގެ ނިންމެވުމުގައިވެސް މަޢުލޫމާތަށް އެދުނު ފަރާތުން ހިތްހަމަނުޖެހޭ ކަމަށް ފާހަގަކުރައްވާފައި ވީނަމަވެސް، އެ ހުށަހެޅުމަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ޖަވާބުދޭންޖެހޭ މިންވަރަށް، މި ކޮމިޝަނުން ޖަވާބުދީފައިވާކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
"މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 12 ވަނަ މާއްދާ ފަރުމާކޮށްފައިވަނީ މަޢުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ދައުލަތުގެ އިދާރާއަކަށް ލިބުމުން އެ ހުށަހެޅުމަށް އިޖާބަދިނުމަށް ލާޒިމްކުރުމުގެ ގޮތުން ކަމުގައިވާއިރު، އެ މާއްދާގެ (ޅ) އަށް ނަޒަރުކުރާއިރު އެ އަކުރުގައި "ނުވަތަ" އެ ލަފުޒު ބަޔާންކޮށްފައިވުމުން، 12 ވަނަ މާއްދާގެ (ހ) އިން (ބ) އަށް ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ކޮންމެވެސް އެއް ގޮތަކަށް ދައުލަތުގެ އިދާރާއަށް ހުށަހެޅޭ ހުށަހެޅުމަށް އިޖާބަ ދިނުމުގެ ގޮތުން ޢަމަލުކުރެވިދާނެކަން ދޭހަވެއެވެ."
އެހެންކަމުން އެދުނު މަޢުލޫމާތު ދޫކުރެވެން ނެތް ސަބަބު ބަޔާންކޮށް، މަޢުލޫމާތަށް އެދި ހުށަހެޅުއްވި ފަރާތަށް ޖަވާބު އަރުވާކަމަށާއި އަދި މި އިލްތިމާސްއާ ގުޅިގެން 17 އެޕްރީލް 2025 ގައި ބޭއްވުނު ބައްދަލުވުމުގައިވެސް ކޮމިޝަނުން ޖަވާބު ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތް ތަފްސީލުކޮށް ސާފުކޮށްދީފައިވާކަން ވަޏީ ފާހަގަކޮށްފައެވެ.
އެހެންކަމުން، އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، 28 އެޕްރީލް 2025 ގައި ބޭއްވުނު ބައްދަލުވުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިޢުލާން ކުރެއްވި ނިންމެވުމާއި 25 މޭ 2025 ގައި ލިޔުމުން މި ކޮމިޝަނާ ޙިއްސާކުރައްވާފައިވާ ނިންމެވުމުގައި ފުށުއެރުންތައް ހުރުމުން މިކަމުގެ ކަންބޮޑުވުންތައް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ މި ކޮމިޝަނުން ވަނީ ޙިއްސާކޮށްފައެވެ.
އެޗްއާރްސީއެމްއިންވަނީ ހަބަރުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ ހަބަރެއް ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.
އިތުރު ލިޔުންތައް

ހިއުމަން ރައިޓްސް ޑިފެންޑަރުންނަށް ހުރި ނުރައްކާތައް ހައްލުކުރުމަށް ފޯރަމެއް ބާއްވައިފި
9 މަސް ކުރިން
ނޮޅިވަރަންފަރުގެ ފްލެޓް ލިސްޓު ބާތިލުކުރަން އެޗްއާރްސީއެމް އިން އަންގައިފި
8 މަސް ކުރިން
ހިއުމަން ރައިޓްސް ޑިފެންޑާސް ޓްރެއިނިން ޕްރޮގްރާމް ފަށައިފި
8 މަސް ކުރިން