އަފްޣާނިސްތާނު މަންދޫބާ ބައްދަލުކުރުމުން ތޯހާ ރާއްޖެ ގެންނަނީ
4 ނޮވެމްބަރު 2024 - 13:44

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ތޯހާ އަފްޣާނިސްތާނުގެ ފަރާތުން ޕާކިސްތާނުގައި ހުންނަވާ މަންދޫބާ ބައްދަލުކުރެއްވި މައްސަލައިގައި އޭނާ އަނބުރާ ރާއްޖެ ގެންނަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
މި ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށް ދިވެހި ހާރިޖިއްޔާއިން ވަނި ކުރިން ބުނެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ބުނެފައެވެ.
އަދި ދިވެހިރާއްޖޭން ޤައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އ.ދ. އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުޞޫލުތަކަށްކަމަށާއި އަދި މި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އ.ދ. ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމުގައި ސަރުކާރުންވަނީ ބުނެފައެވެ.

Ad by Hajj Corporation
މެންދުރު ޓީވީއަށް އެނގިފައިވާގޮތުގައި ސަރުކާރުން ވަނީ ތޯހާ އަނބުރާ ގެންނަން ނިންމައި، އެކަން އޭނާ އަށް އަންގައިފައެވެ. ނަމަވެސް، މިކަމުގައި ހާރިޖިއްޔާގެ ރަސްމީ ބަހެއް އަދި އާއްމުކޮށްފައެއްނުވެއެވެ.
ތާލިބާނުން އަފްޣާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީ 2021 ވަނަ އަހަރު އެވެ. މިހާރު އަފްޣާނިސްތާނުގައި އޮންނަނީ ތާލިބާނުން އެކުލަވާލާފައިވާ ސަރުކާރެކެވެ. ނަމަވެސް އެއްވެސް ގައުމަކުން އެމީހުންގެ ވެރިކަން އަދި ރަސްމީ ސިފައެއްގައި ބަލައިގަންފައެއް ނުވެ.