ދުންފަތުގެ ޤާނޫނު ތަންފީޒު ކުރަން އުނދަގޫވަނީ ޤަވާއިދުތައް ހެދިފައި ނެތުމުން


04 ނޮވެމްބަރު 2024 - 15:49
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން ގިނަ ޤަވާއިދުތަކެއް ހަދަން ޖެހޭ ކަމަށާއި، މިހާތަނަށް އެ ޤާނޫނުގެ ދަށުން ހަދާފައިވަނީ އެންމެ ދެ ޤަވާއިދުކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢި ކޮމިޓީގައި އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހަސަން މުހައްމަދު ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު 2010 ވަނަ އަހަރު އެކުލަވާލުމާއެކު އަހަރެއްގެ ތެރޭގައި އެއާ ގުޅުން ހުރި ޤަވާއިދުތަކެއް ހަދަން ޖެހޭކަމަށެވެ.
ނަމަވެސް މިވީ 14 އަހަރުގެތެރޭގައި އެކުލަވާލެވުނީ އެންމެ ދެ ގަވާއިދު ކަމަށާއި އެއީ 2013 ވަނަ އަހަރު އެކުލަވާލީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވައިދާއި ދުންފަތް ޕެކެޓްކުުރުމުގައި ސިއްހަތަށް ނުރައްކާވާކަން އަންގައިދިނުމަށް 2019 ވަނަ އަހަރު އެކުލަވާލި ޤަވާއިދުކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ އެ ޤަވާއިދުތައްވެސް ރަނގަޅަށް ތަންފީޒު ނުކުރެވޭކަމަށެވެ ހަސަން ފާހަގަކުރެއްވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން 17 ވަރަަކަށް ޤަވައިދު އެކުލަވާލަން ޖެހެއެވެ. ނަމަވެސް ދުންފަތް ކޮންޓްރޯލް ކުުރުމާ ބެހޭ ޤާނޫނު ފުރިހަމައަށް ތަންފީޒުނުކުރުމުގެ ސަބަބުން އެތައް ކުދިންނެއް ދުންފަތް ބޭނުންކުރަން ވަނީ ފަށާފައެވެ.މަޖިލީހުގައި ފުލުހުންގެ ފަރާތުންވެސް ވަނީ މި ޤާނޫނު އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒް ނުކުރެވޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ޓްރެފިކް ޖޫރިމަނާކޮށްފައި ސްލިޕް ދޭ އުސޫލުން، ދުންފަތުގެ ގާނޫނު ތަންފީޒުކުރަން އުޅެފިނަމަ ރަނގަޅު ބަދަލުތަކެއް ނާންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ގާނޫނަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
މި ޤާނޫނާ ގުޅިގެން ފުލުހުން ވަނީ ފިހާރަތަކުގައި ވަކިން ސިނގިރޭޓް ވިއްކުން މަނާކަމެއްގެ ގޮތުގައި ކަަނޑައެޅިފަދައިން ކެފޭ ރެސްޓޯރެންޓްތަކުގައިވެސް ސިނގިރޭޓް ވިއްކުން މަނާކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.އެޗްޕީއޭގެ ދަށުން ހިންގާ ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެންބަރުން ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ސިއްހަތަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވަނީ ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.
މި ސަރަހައްދުގެ 11 ގައުމުގެ ތެރެއިން ރާއްޖެއަކީ ދުންފަތުގެ ބާވަތްތަކުން އެންމެ މަދުން ޓެކްސް ނަގާ ގައުމުކަން ފާހަގަކޮށް އޭނާ ވަނީ ޓެކްސް އިތުރުކޮށްގެން، ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މީހުން މަދުކުރުމުގެ މަސައްކަތް ކާމިޔާބު ވާނެކަން ފާހަގަކުރައްވާފައެވެ.