ފްލެޓް ލިސްޓް: ހުރިހާ ފޯމެއް ރީ-އިވެލުވޭޓް ކޮށްފި


10 ނޮވެމްބަރު 2024 - 15:28
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓުތަކާ ގުޅިގެން ހުށަހަޅާފައިވާ ހުރިހާ ފޯމެއް ރީ-އިވެލުވޭޓް ކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނު ކުރުމަށް ހައުސިން މިނިސްޓްރީން މީގެކުރިން ނިންމީ މިދިޔަ މަސް ނިމުމުގެ ކުރިންނެވެ. އެހެންނަމަވެސް ފޯމުތައް ރީ-އިވެއުލޭޓް ކުރުމުގެ މަސައްކަތަށް އިތުރަށް ވަގުތު ބޭނުންވާ ކަމަށް ބުނެ ލިސްޓު އާންމުކުރުން މި މަހަށް ފަސްކުރި އެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ ފްލެޓުތަކުގެ މައްސަލައިގައި ހުށަހެޅި ޝަކުވާތައް ތަހުގީގު ކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން ދިޔުމާ އެކު މައްސަލައިގައި ގޮތެއް ނިންމަންދެން ލިސްޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުކުރަން ޖެހުނު ކަމަށެވެ.
މަސައްކަތް ނިންމުމަށް ފަހު މިނިސްޓްރީއަށް ރިޕޯޓު ފޮނުވިއިރު އޮތީ ލިސްޓުގައި އޮތް ގޮތަށް ފްލެޓު ދޫނުކުރެވޭ ގޮތަށް ކަމަށެވެ. ތަހުގީގާ ގުޅިގެން ފްލެޓު ދޫކުރުމުގައި ހުރި މައްސަލަތައް ފާހަގަކުރެވުމުން ވަކި ކަންތައްތަކެއް ރަނގަޅު ކުުރުމަށް އޭސީސީން އެންގި ކަމަށެވެ. އެ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ނޫނީ މަސައްކަތުގައި ކުރިއަށް ނުދިޔުމަށް އިރުޝާދު ދީފައިވާ ކަމަށެެވެ.
މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލު ކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އޭސީސީއަށް ޝަކުވާ ހުށަހަޅާފަ އެވެ.
އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓު ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގި އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓު ދީފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 އިންސައްތަ ކަމަށާ އަދި ޝަރުތު ފުރިހަމަ ވިނަމަވެސް 19.7 އިންސައްތަ ފޯމުގައި މައްސަލަ ހުރި ކަމަށެވެ.