ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ނުހޯދިއްޖެނަމަ މިނިވަންކަމަށް އަރާ ބުރުލަކަށް އެކަން ވެދާނެ: ރައީސް
11 ނޮވެމްބަރު 2024 - 11:22
ޤާނޫނާއި ޤަވައިދުތަކާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ނުހޯދިއްޖެނަމަ މިނިވަންކަމަށް އަރާ ބުރުލަކަށް އެކަން ވެދާނެކަމަށް ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާާޅުވީ ޖުމްހޫރީ ދުވަހާ ގުޅިގެން ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ހެދިފައި އޮތް ޤާނޫނާއި ޤަވައިދުތަކާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ޙައްލު ނުކުރެވި، އެތައް އަހަރަކަށް ދިގުލައިގޮސްފައިވާ މައްސަލައެއް ކަމަށެވެ.
ނަމަވެސް، ދިވެހިރާއްޖޭގެ ސަރުކާރު ހިންގެވުމާއި އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަށް ފަހު، ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރަމުން ދިޔަ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފެއްޓެވިކަމަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.
މިގޮތުން ޤަވައިދާ ޚިލާފަށް އުޅެމުންދިޔަކަމަށް ފާހަގަކުރެވުނު 4700 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފައިވާކަމަށާއި، މިއީ އަހަރު ދުވަހަށް ބަލާއިރު ރެކޯޑެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނާއި ޤަވައިދުތަކާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ބޭނުންފުޅުވާކަމަށާއި، ނޫންނަމަ އެތެރެއިން އަންނަ މިނިވަންކަމުގެ ބުރުލަކަށް މިކަންވެގެންދާނެކަމުގައި ވިދާޅުވެފައެވެ.