ވޭތުވެދިޔަ 15 އަހަރުވެސް އާސަންދަ ބަޖެޓުން ދެކޮޅެއް ނުޖެހުނު
16 ނޮވެމްބަރު 2024 - 15:33
އާސަންދަ ނިޒާމް ބޭނުންކުރަމުން އަންނަތާ 15 ވަރަކަށް އަހަރުވެފައިވީ ނަމަވެސް އެއްވެސް އަހަރަކު އާސަންދައަށް ކަނޑައަޅާފައިވާ ޢަދަދުން ޚަރަދުތައް ހަމަނުޖެހުނު ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ކޮންމެ އަހަރެއްގެ ބަޖެޓުން އާސަންދައަށް ކަނޑައަޅާފައި އޮންނަ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރަންޖެހުމަކީ އިޤްތިޞާދަށް އެކަމުގެ ބުރަ ބޮޑުވާ ކަމެއްކަމަށެވެ.
ވަޒީރު ވިދާޅުވީ ރައްޔިތުން އެދެނީ ސިއްޙީ ނިޒާމުގެ ތެރެއިން އާސަންދަފަދަ މުހިންމު ޚިދުމަތްތައް އެންމެ ފައިދާ ހުރި ގޮތުގައި އޭގެ ޙައްޤުވެރި ފަރާތްތަކަށް ލިބޭނެ ނިޒާމަކަށްވެގެން ދިޔުންކަމަށެވެ.
މިނިސްޓަރ ނާޒިމް
އަދި އެ ނިޒާމްގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ހުރި އެހެނިހެން ކަންކަން ކުރުމަށް ހުރި ގޮންޖެހުމަށް ނުވާނެ ނިޒާމަކަށް ވެގެން ދިޔުމަކީވެސް ރައްޔިތުން އެދޭނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އާސަންދައިން ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން %60 ޚަރަދުކޮށްފައިވަނީ ހަމައެކަނި ބޭސް ވިއްކުމަށެވެ. ނަމަވެސް ބޭހުގެ އަގުތައް ދުނިޔޭގެ ނިސްބަތުން އަޅާބަލާއިރު ބޮޑުކަމަށާއި މިކަން މިހެންވެފައިއޮތީ އާސަންދަ ނިޒާމުގައި ބަލަންޖެހޭ ކަންކަން ނުބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމުގެ ސަބަބުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.