މާލެ މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ މަސް ދޯނިތަކުން 39 ބިދޭސީން ހައްޔަރުކޮށްފި
19 ނޮވެމްބަރު 2024 - 05:54
މާލޭގެ މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ މަސް ދޯނިތައް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 39 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިއަ މަސް ދޯނިތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ ޓާސްކު ފޯހުން އެ ސަރަހައްދުގައި އަޅާފައިވާ މަސް ދޯނިތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މިކަމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މަސް ދޯނިތަކުގައި ޤަވާޢިދާއި ޚިލާފަށް އުޅުނު 39 ބިދޭސީން އަތުލައިގެންފަވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތުގައި މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒު ހާސިލުކޮށްފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިރުޝާދުގެ ދަށުން މި ސަރުކާރުގެ ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ގަވައިދާ ޚިލާފައި އުޅޭ ބިދޭސީންނާއި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހިމެނޭގޮތަށް 5000 ބިދޭސީން ރާއްޖެއިން އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް ޝަމްއާން ވިދާޅުވެފަވެއެވެ.