logoEN
ދުނިޔެ

ޔަހޫދީ ވެރިން ހައްޔަރުކުރުމުގެ އަމުރާ އެމެރިކާއިން ދެކޮޅުހަދައިފި

އާމިނަތު ސަފާއާމިނަތު ސަފާ

22 ނޮވެމްބަރު 2024 - 07:39

ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބިންޔާމީން ނަަތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރިކުރުމުގެ އަމުރެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު - އައިސީސީން ނެރެފައިވާ އަމުރާ އެމެރިކާއިން ދެކޮޅުކަން ހާމަކޮށްފިއެވެ.

ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ބުނީ ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް އައިސީސީން ނިންމި ނިންމުން އެމެރިކާއިން ބަލައިނުގަންނަކަމަށެވެ.

ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ބުނީ މައްސަލައިގައި އައިސީސީން އަވަސް އަރުވާލާފައިވާކަމަށެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގައި އެންމެ ބޮޑަށް އިސްރާއީލަށް ވާގިވެރިވަނީވެސް އެމެރިކާއިންނެވެ.

އިއްޔެ ހަވީރު ނެރުނު އަމުރުގައި މި މީހުން ހައްޔަރުކުރަން އަންގާފައިވަނީ ހަނގުރާމައިގެ ޖަރީމާ ހިންގާކަމަށް ބުނެއެވެ.

ނަަތަންޔާހޫ އާއި ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް ފަނޑިޔާރުންގެ ކިބައިން އައިސީސީން އެދިފައިވަނީ މެއި މަހުގެ ތެރެގައެވެ. އައިސީސީއަކީ ހަނގުރާމައިގެ ކުށްތަކާއި، ގަތުލުއާންމުތަކުގެ މައްސަލަތައް ބަލާ ދުނިޔޭގެ އެންމެ މަތީ ކޯޓެވެ. މި ކޯޓު ވުޖޫދުވެފައިވަނީ 2002 ވަނަ އަހަރުއެވެ.

މި ކޯޓުގެ އަމުރުތައް ތަންފީޒުކުރުމަކީ މެމްބަރު ގައުމުތަކަށް ލާޒިމްކަމަކަށް ވީނަމަވެސް އެންމެ އެދެވޭގޮތުގައި އެ އަމުރުތަް ތަންފީޒުވެގެން މިވީހާތަނަށް އައިސްފައެއްނުވެއެވެ.

ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ދިފާއުގައި ހަމާސްއިން ދެމުން އަންނަ ހަމަލާތަކުގައި ރަހީނުންގެ ގޮތުގައި އަތުލައިގެންފައިވާ މީހުން ދޫކުރާނީ ޔަހޫދީންގެ ހަމަލާތައް އެއްކޮށް ހުއްޓާލުމުންކަމަށް ހަމާސްގެ ލީޑަރުކަމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޚަލިލް އަލް-ޙައްޔާ ވަނީ ވިދާޅުވެފައެވެ.

މި ހަނގުރާމައިގައި މިހާތަނަށް 44،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންވަނީ ޝަހީދުކޮށްލާފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder