ގުޅިން ފާނަބަސަންދައިގެ 11 ކޭސްއެއް
22 ނޮވެމްބަރު 2024 - 12:04

ކ.ގުޅިން ފާނަބަސަންދައިގެ 11 ކޭސް އެއް މި މަހުގެ މިހާތަނަށް ރިޕޯޓްކޮށްފައިވާ ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ރިޕޯޓުކޮށްފިއެވެ.
އެޗްޕީއޭ އިން ސޯޝަލް މީޑިޔާއަށް ދޫކުރި މެސެޖެއްގައި ބުނީ، ގުޅިން ފާނަބަސަންދުގެ 11 ކޭސްއެއް ފެނި، އޭގެ ތެރެއިން ދެ މީހަކަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ.

Ad by Hajj Corporation
ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކުވެސް ރިޕޯޓުކުރެ އެވެ. މި އަހަރުގެ ނޮވެމްބަރު މަހާއި ހަމަޔަށް މުޅި ރާއްޖެއިން 2977 ކޭސް ރިޕޯޓުކޮށްފައި ވެއެވެ. މާލެ ސަރަހައްދުން 1506 ކޭސް އަދި އަތޮޅުތަކުން 1471 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
ފާނަބަސަންދުއަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލިޖެހެއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ވަރުދެރަވުމާއި ނޭފަތުން ފެން އައުމުގެ އިތުރުން ހަމުގައި ބިހިތަކެއް ނެގުން ހިމެނެއެވެ. އަދި މި ބިހިތައް ފެންފޮޅުތަކަށް ބަދަލުވެއެވެ.
ފާނަބަސަންދުގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސިއްހަތާބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.