އިންޑިއާގައި މިސްކިތެއް ސާވޭ ކުރަން އުޅުމުން ހަމަނުޖެހުން ހިންގައި 3 މީހުން މަރުވެއްޖެ
ސަމްބަލް ޑިސްޓްރިކްޓްގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން----ފޮޓޯ/ހިންދުސްތާން ޓައިމްސް
25 ނޮވެމްބަރު 2024 - 05:49
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސަމްބަލް ޑިސްޓްރިކްޓްގައި ހުރި މިސްކިތެއް ބިނާކޮށްފައި ހުރީ ކުރިން ހިންދޫންގެ ފައްޅިއެއް ހުރި ބިމެއްގައިތޯ ބެލުމަށް ސާވޭކުރަން އުޅުމުން މުސްލިމުންނާއި ފުލުހުންނާއި ދެމެދު ހަމަނުޖެހުން ހިނގައި ތިން މީހުން މަރުވެއްޖެއެވެ.
އުއްތަރަ ޕްރަދޭޝްގެ ސަމްބަލް ޑިސްޓްރިކްޓްގައި ހަމަނުޖެހުން އުފެދުނީ މުގަލް ޒަމާނުގެ ޖާމާ މިސްކިތް ކޯޓު އަމުރެއްގެ ދަށުން ކުރިއަށް ގެންދިޔަ ސާވޭއަކުން އާންމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި، ތިން މީހަކު މަރުވެ 30 އަށް ވުރެ ގިނަ މީހުން ޒަހަމްވުމާ ގުޅިގެންނެވެ.
މަރުވި މީހުންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވާއިރު، ޕޯސްޓްމޯޓަމަށްފަހު އާއިލާގެ މެމްބަރުންނާ ހަވާލު ކުރާނެ ކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ.
މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ގަލުން ހަމަލާ ދީފައި ވާއިރު ފުލުހުން ވަނީ އެއްވެ ތިބި މީހުން ދުރަށް ޖެއްސުމަށް ކަރުނަ ގޭސް ޖަހައިފައެވެ.
ހަމަނުޖެހުންތައް ފެށުނީ އެ މިސްކިތް ބިނާކޮށްފައިވަނީ ހިންދޫންގެ މިސްކިތެއް ހުރި ތަނެއްގައި ކަމަށް ބުނެ ހިންދޫ ފާދިރީއަކު ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ މިސްކިތް ސާވޭކުރާ މީހުންގެ ޓީމެއް އެ ތަނަށް ވަނުމުންނެވެ.
ފާދިރީ ތުހުމަތު ކުރާ ގޮތުގައި މިސްކިތް ބިނާކުރަން އެތަނުގައި ކުރިން ހުރި ފައްޅި މުސްލިމް ވެރިން ތަޅާލީއެވެ.
މިސްކިތުގެ ސާވޭއެއް މި މަހުގެ 19 ވަނަ ދުވަހު ވެސް ކޮށްފައިވެއެވެ.
ޝާހީ ޖާމާ މަސްޖިދުގެ ނަން ދީފައިވާ އެ މިސްކިތް ބިނާކޮށްފައި ވަނީ މީލާދީން 1529 ވަނަ އަހަރު ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.