މޫސުން ލަފާ ކުރަން ދަތިވާ ވަރަށް މޫސުމަށް ބަދަލުތައް ދަނީ އަންނަމުން - މިނިސްޓަރ


26 ނޮވެމްބަރު 2024 - 14:52
މޫސުން ލަފާ ކުރަން ދަތިވާވަރަށް މޫސުމަށް ބަދަލުތައް އަންނަމުންދާ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ބީބީސީއަށް ދެއްވި ބަސްތީގަތުމެއްގައެވެ.
ބީބީސީއަށް ދެއްވި ބަސްތީގަތުމުގައި ވަޒީރު ވަނީ މިފަދަ އެހީތައް ރާއްޖެއަށް މުހިންމުވާ ސަބަބުތައްވެސް ތަފްސީލުކުރައްވާފައެވެ. އެގޮތުން މިވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި މޫސުން ލަފާ ކުރަން ދަތިވާވަރަށް މޫސުމަށް ބަދަލުތައް އައުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑަށް ވާރޭވެހުނު އަހަރުކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ރަށްރަށް ގިރުމާއި ފެން ލޮނުވުމުގެ މައްސަލަތައް ކުރިމަތިވަމުންދާއިރު މިކަކަންމަށް ބޭރުގެ މާލީ އެހީތެރިކަން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.މީއާއެކު ކޮޕްގައި މިހާރު ކަނޑައެޅިފައިވާ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫންކަން ތަކުރާރުކުރައްވާ ވަޒީރު ވަނީ މިހާރު ކަނޑައެޅިފައިވާ އަދަދުވެސް ރާއްޖެއިން ބޭނުންވަނީ ހިލޭ އެހީގެ ގޮތުގައިކަމަށް ވިދާޅުވެފައެވެ.
ބީބީސީއަށް ދެއްވި ބަސްތިގަތުމުގައި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ކޮޕް-29 ސަމިޓުގެ ނިންމުމާއި ގުޅޭގޮތުން ރާއްޖެއިން ދެކޭގޮތް ހާމަކުރައްވާފައެވެ.
އެގޮތުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޤައުމުތަކަށް ދޭ އެހީގެ ގޮތުގައި އެ ސަމިޓުގައި ފާސްކުރި 300 ބިލިޔަން ޑޮލަރަކީ އެއްވެސް ގޮތަކަށް ޤަބޫލުކުރެވޭ ޢަދަދެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެއަދަދު ފާސްކުރުމަށް ރާއްޖެއިން ތާއިދުކުރީ ޤައުމުތަކާއި އެކު އޮންނަ ގުޅުމަށް ރިއާޔަތްކޮށްކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

މޫސުމީ ހާދިސާތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ވުޖޫދަށް ވަނީ ނުރައްކާވެފައި- ވަޒީރު
7 މަސް ކުރިން
ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް ބަދަލުކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށް - މިނިސްޓަރ
7 މަސް ކުރިން