މޫސުމީ ހާދިސާތަކުގެ ސަބަބުން ރާއްޖެއާއި ދިވެހި ރައްޔިތުންގެ ވުޖޫދަށް ވަނީ ނުރައްކާވެފައި- ވަޒީރު
ސިޑްސްގެ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މިނިސްޓަރު ތޯރިގް އިބްރާހީމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ
10 ސެޕްޓެމްބަރު 2024 - 12:42
މޫސުމީ ހާދިސާތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ ވުޖޫދަށް ނުރައްކާވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އިއްޔެ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި " ބިލްޑިން ކްލައިމެޓް ރެސިލިއެންސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް"(ސިޑްސް) ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވުޖޫދު ގެއްލިދާނެކަމުގެ ބިރު ހީވަމުންދާކަމަށާއި، މޫދުގެ ލޮނުގަނޑު އުފުލުމާއި ހަރުކަށި މޫސުމީ ހާދިސާތަކުގެ ސަބަބުން ރާއްޖެ އާއި ދިވެހި ރައްޔިތުންގެ ވުޖޫދަށް ނުރައްކާވެފައިވާކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ 80 އިންސައްތަ ރަށްތައް ހުންނަނީ މޫދުގެ ސަތަހައިން މީޓަރެއްގެ އުސްމިނުގައި ކަމަށާއި، 50 އިންސައްތަ ގެދޮރު ހުންނަނީ ގޮނޑުދޮށާ 100 މީޓަރު ދުރުމިނުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން އެ ހާލަތުގައި ވެސް ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އިންސާނީ އަދި ސަލާމަތީ ނުރައްކާތަކާ ކުރިމަތިލުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ރަށްރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ހައްލުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ ފަދަ ނާޒުކު ޤައުމުތަކުގެ ކުރިމަގު ބިނާވެފައި އޮތީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ޤައުމުތަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ތަރައްޤީވެފައިވާ ޤައުމުތަކާއި، ކުރީގައި ތިމާވެށްޓަށް ގެއްލުންދޭ ގޭސް ބޮޑަށް ބޭރުކުރި ޤައުމުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިވުމަށް ކުރިއަށް އަންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިނިސްޓަރު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ފެން ޝޯޓޭޖާއި ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަދު ވު ވަސީލަތްތަކުން ބޮޑެތި ހޭދަތަކެއް ކު ރަމުންދާކަމަށް ފާހަގަކުރައްވާފައެވެ.