ތަޖިކިސްތާނަށް ވިސާ ނުލާ ދެވޭގޮތް ހަދައިފި
27 ނޮވެމްބަރު 2024 - 18:59
ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދަތުރުކުރެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފިއެވެ.
މި ގޮތަށް ހަމަޖައްސައި ރާއްޖެއާ ތަޖިކިސްތާނާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިއަދު އެމެރިކާގެ ނިއުޔޯކް ގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ސޮއިކުރަށްވާފައިވާއިރު، ތަޖިކިސްތާން ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިޒް އެކްސަލަންސީ ހިކްމަތު ޖޮނިބެކް އިސްމޮއިލް އެވެ.
މި އެއްބަސްވުމާއެކު މިހާރުވެސް އަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާއާ ނުލާ 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ރައްޔިތުން ދަތުރުކުރުމަށް އޮންނަ އުސޫލު ރަސްމީވެގެންދާނެއެވެ.