ކުޅުދުއްފުށި ނޮލެޖް ސެންޓަރަށް ދިރާގުގެ އެހީތެރިކަން
30 ނޮވެމްބަރު 2024 - 01:24
ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ ނޮލެޖް ސެންޓަރަށް މުއާސަލާތީ ކުންފުނި، ދިރާގުން ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.
މި ތަކެއްޗަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި ހުންނަ ނޮލެޖް ސެންޓަރަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ.
މި ތަކެތީގެ ތެރޭގައި ހިމެނެނީ ވީޑިއޯ ކޮންފަރެންސް ޑިވައިސް އާއި،ކޮމްޕިޓަރު ސިސްޓަމާއި ފޮތްތަކެކެވެ.
ދިރާގުން ބުނީ އެ ތަކެތި ހަދިޔާކުރީ ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު ޑިޖިޓަލް ލިޓްރަސީ އިތުރުކޮށް އަދި ފޮތް ކިޔުމަށް ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން ކަމަށެވެ.
ދިރާގުން ވަނީ ނޮލެޖް ސެންޓަރަކީ ތިމާވެށްޓާއި ރަށްޓެހި ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެތަނުގެ ގޯތި ތެރޭގައި 100 ގަސް ވެސް އިންދާފަ އެވެ.
ކުޅުދުއްފުށީ ސިޓީގައި ހުންނަ ނޮލެޖް ސެންޓަރަކީ ކުޅުދުއްފުށި ސިޓީ ކައުންސިލުން ތަރައްގީކޮށް ހިންގާ ތަނެކެވެ. މި ނޮލެޖް ސެންޓަރުގައި ޕަބްލިކް ލައިބްރަރީއަކާއި ވެލްނަސް ސެންޓަރެއް ހުރެ އެވެ.