ހޯމްމިނިސްޓްރީގެ ދަށަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ ބަދަލުކޮށްފި
8 އޯގަސްޓު 2024 - 10:53

ލޭބަރ ރިލޭޝަންސް އޮތޯރިޓީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައެވެ.
މި ނިންމުން ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މި ބަދަލު ޢަމަލުކުރަން ފަށާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެންނެވެ.
މި ނިންމުން ނިންމެވުމުގެ ކުރިން، ވަޒީރުންގެ މަޖިލީހުގައި ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައިވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމަށެވެ.
ކުރިން ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިނގަމުން އައީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުންނެވެ.

Ad by Hajj Corporation
ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ ދަށުން އުފެދިފައިވާ އިދާރާއެކެވެ. މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައެޅުމާއި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކޮށްދިނުން ހިމެނެއެވެ.