ވެރިކަން ކުރުމުގެ މާބޮޑު ޝައުގުވެރިކަމެއް ސިޔާމުގެ ނެތް
.jpg&w=96&q=75)
2 ޑިސެމްބަރު 2024 - 11:03

ވެރިކަން ކުރުމުގެ މާބޮޑު ޝައުގުވެރިކަމެއް މިހާރު ނެތް ކަމަށާއި، ވެރިކަން ކުރުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމުގައި ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން ސިޔާމް ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަން ކުރުމަށް، ރައްޔިތުން އެދޭ ނަމަ އެކަން ކުރައްވާނެ ކަމަށެވެ. އަދި އެ ވެރިކަން ވާނީ ރާއްޖޭގެ ތާރީޚުގައި ވެސް، ދިވެހިން ނުދެކޭ ފަދަ ތަރައްގީ ލިބޭނެ ވެރިކަމެއް ކަމުގައި ސިޔާމް ވިދާޅުވިއެވެ.
ވިޔަފާރިވެރިޔާ ސިޔާމް ވިދާޅުވި ގޮތުގައި، އެކަން ކުރަން އެންމެ ފުރަތަމަ ބޭނުންވަނީ އެކަމަށް ހިތް ޖެހެން ކަމަށާއި، މިވަގުތު އެކަން ކުރާނެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
"ތި ވާހަކައިގައި އަޅުގަނޑު ދަންނަވާނީ ތިއީ ރައްޔިތުން ނިންމާ އެއްޗެއް ދެއްތޯ. ރައްޔިތުން ނިންމަންވީ މިސާލަކަށް އަޙްމަދު ޝިޔާމް، އަޅުގަނޑުމެންގެ ގައުމު ހިންގައިދޭށޭ ފަސް އަހަަރަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކޮށްދޭނަން. ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ޒަމާނަކު ނުފެންނަ ވާވަރަށް މަތީ ތަރައްގީ ގެނެސްދޭނަން އަޅުގަނޑު. އެކަމަކު އަޅުގަނޑު ކުރަން ނިންމަވައިދެއްވިއްޔާ. އެކަން ނިންމަވައިދެއްވާނެ ކަމެއް ނޭނގެ. އެއީ އަޅުގަނޑުގެ ހިތް ވެސް ޖައްސަން ޖެހޭ އެބަ. އަޅުގަނޑު ހިތުގައި އަދި ނެތް މާބޮޑަކަށް އެކަން ކުރާ ހިތެއް،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ކުރައްވަން ބޭނުންފުޅުވި ކޮންމެ ސިޔާސީ ކަމެއް ވެސް މިވީހާތަނަށް ކާމިޔާބުކުރެއްި ކަމަށާއި، އެކަން ވެސް ކުރަން ބޭނުންފުޅުވާނަމަ ކާމިޔާބުކުރެވޭނެ ކަމަށެވެ. އެގޮތުން މިހާތަނަށް ކުރި އެއްވެސް ކެމްޕެއިނަކުން ވެސް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިނުގަންނަވާ ކަމުގައި ސިޔާމް ވިދާޅުވިއެވެ.
އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން ﷲގެ ރަޙްމަތުން. އަދި މިހާ ހިސާބަކުން ސިޔާސީ އެއްވެސް ކަމެއް، އެއްވެސް މަގާމެއް، ސިޔާސީ އެއްވެސް ކެމްޕެއިނެއް ކާމިޔާބު ނުވާ ކެމްޕެއިނެއް ނުކުރަން އަޅުގަނޑު،- ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު
ސިޔާމް އެފަދައިން ވިދާޅުވިއިރު، ފާއިތުވި ދެ ރިޔާސީ އިންތިހާބުގައި ވެސް ސިޔާމު ފާހަގަކުރެވުނީ އެ އިންތިހާބުތައް އެ ޕާޓީތަކަށް ކާމިޔާބުކޮށްދިނުމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައެވެ. އެގޮތުން 2018 ވަނަ އަހަރު އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބުކުރިއިރު، ސިޔާމްގެ ޕާޓީން އެމްޑީޕީއާ އެކު އިއްތިހާދު ހެދިއެވެ.
އަދި 2023 ވަނަ އަހަރު ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެމްޑީޕީއާއެކު އިއްތިހާދު ހެދިއިރު، އެ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ ބަލިވުމުން ދެވަނަ ބުރުގައި ސިޔާމް އަދި އެމްޑީއޭގެ އިސް ފަރާތްތައް ފެނުނީ މިހާރު ރައީސް، ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ތަކުންނެވެ.