ސިޔާމްގެ ދީލަތިކަން މުޅި ކަމަދޫއަށް
20 އޯގަސްޓު 2024 - 06:48

ދ. މީދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ ސަން ސިޔާމްގެ ހަރަދުގައި ކަމަދޫ ރައްޔިތުންނަށް ބޭސްފަރުވާގެ އިންތިޒާމު ހަމަޖެހިއްޖެއެވެ.
ބ. ކަމަދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ހަރަދުގައި އެރަށުގެ ރައްޔިތުންނަށް ބޭސްފަރުވާގެ އިންތިޒާމު ހަމަޖައްސައިދެއްވަން ވަނީ ނިންމަވާފައެވެ.
މި އިންތިޒާމުގެ ދަށުން، ހަމަޖެހިފައިވާ އުސޫލަކާ އެއްގޮތަށް ރާއްޖެއާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކޮށްދެވޭނެއެވެ. ބޭސްފަރުވާގެ އެހީއަށް އެދޭ ފަރާތްތަކުން ކައުންސިލަށް ފޯމަކުން އެދެންޖެހޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން އިތުރަށް މައުލޫމާތު ދެމުން ބުނީ، މި ކަމާ ގުޅިގެން ސަން ސިޔާމް ކެއަރ އާއެކު އެއްބަސްވުމެއް ވެފައިވާ ކަމަށެވެ. އަދި މިއީ ވަކި ހާއްސަ ސަބަބަކާހުރެ ސިޔާމް ކޮށްދެއްވާ ކަމެއް ނޫން ކަމަށާއި، އެހެން ރަށްރަށަށްވެސް ސިޔާމްގެ އެހީތެރިކަން ލިބޭ ފަދައިން ކަމަދޫއަށްވެސް ލިބެނީ ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
ފާއިތުވި އީދުގައި ކުޅިވަރާއި ފަރި ހަރަކާތްތަކުގެ ތެރެއިން އިންތިހާއަށް ރީތި އަންހެން ކުދިން ތިބި ރަށެއްގެ ގޮތުގައި މުޅި ރާއްޖެއަށް ކަމަދޫ މަޝްހޫރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އާބާދީގައި 564 މީހުން ދިރިއުޅޭ މި ކުޑަ ރަށަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ގުދުރަތީ ރީތިކަންވެސް ލިބިފައިވާ ރަށެކެވެ.
އީދު ކުޅިވަރުގައި ކަމަދޫއަށް ލިބުނު ސަމާލުކަމާއެކު ބޮޑެތި ވިޔަފާރިވެރިންގެ ލޯތައް ވަނީ ކަމަދޫއަށް އަމާޒުވެފައިކަން ފާހަގަކުރެވެއެވެ. މިގޮތުން ސަން ސިޔާމްގެ މި އެހީތެރިކަމަކީވެސް ކަމަދޫއަށް ލިބިގެންދާ ވަރަށް މުހިންމު އެހީތެރިކަމެއް ކަމުގައި އެރަށުގެ ކައުންސިލުން ދެކެއެވެ.