20 އަހަރުގެ ގައުމީ ތަރައްގީ ޕްލޭން އެކުލަވާލަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަނީ

ރައީސް އޮފީސް

03 ޑިސެމްބަރު 2024 - 04:29
20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ލޯކަލް ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މާލީ ވުޒާރާއިން ބުނީ، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ.
މި ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމުގެ އެންމެ ބޮޑު މަޤްޞަދަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި، އަދި އާބަން ޑިވެލޮޕްމަންޓު ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމެވެ. އަދި މި ޕްލޭންގައި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ފައިދާހުރި ގޮތެއްގައި ތަންފީޒުކުރުމާއި، މޮނިޓަރކުރުމާއި، އިވެލުއޭޓްކުރެވޭނެ މެކޭނިޒަމްތައް ހިމަނަން ޖެހެއެވެ.
ގައުމީ ތަރައްގީގެ ޕްލޭނަކީ ވަރަށް ބޮޑަށް ދިރާސާކޮށްގެން އެކުލަވާލާ 20 އަހަރުގެ ޕްލޭނެކެވެ. ޕްލޭނަށް ބޭނުންވާ މަޢުލޫމާތު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެއްކުރާނެއެވެ. އެގޮތުން ވަކިވަކި ރަށްތަކާއި ޤައުމީ ފެންވަރުގެ ނިންމުންތަކާއި ވަކިވަކި ދާއިރާތަކުން ޚާއްސަ ޕްލޭންތައް ހަދާނެއެވެ. މިއީ ގާނޫނިީ ބާރުވެރިކަން ލިބޭ ގޮތަށް ތައްޔާރުކުރާ ޕްލޭނެކެވެ. އެއް އަހަރު ދުވަހުގެ މުއަދަތެއްގައި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގެދޮރުވެރިކަމާ ބިމާ ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާ، ޔޫއެންޑިޕީ އަދި ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ޤައުމީ ތަރައްޤީގެ ޕްލޭންގެ މަސައްކަތްތައް ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ސެޕްޓެމްބަރުމަހުގެ 17ވަނަ ދުވަހުއެވެ. "ޤައުމީ ތަރައްޤީގެ ޕްލޭން"އަކީ މި އަންނަ އަހަރުން ފެށިގެން 2045އަށް ރާއްޖޭ ތަރައްޤީވެގެން އަންނާނެ ގޮތުގެ ތަޞައްވުރާ އޭގެ ސްޓްރެޓެޖިކް ޕްލޭނެވެ.
ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭން ތައްޔާރުކުރާ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން އޮސްޓްރޭލިއާ ސަރުކާރުން ވަނީ 90 ހާސް އޮސްޓްރޭލިއަން ޑޮލަރު ނުވަތަ 9.4 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައެވެ.
އިތުރު ލިޔުންތައް

ފިޗުން އަނެއްކާ ވެސް ރާއްޖޭގެ ރޭޓިން ދަށްކޮށްފި
7 މަސް ކުރިން
މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިން އިން ފެތުރީ ދޮގު ޚަބަރެއް: ތަރުޖަމާނު
7 މަސް ކުރިން
އިސްލާމިކް ފައިނޭންސް ހަބަކަށް ރާއްޖެ ހަދާނަން: ޑރ ޝަފީގު
7 މަސް ކުރިން