logo
ކުޅިވަރު

0-1 ގެ ނަތީޖާއަކުން ބެޔާން މިއުނިކް ޖަރުމަން ކަޕުން ބަލިވެ މުބާރާތުން ކަޓައިފި

ސުދާ ލަތީފް
4 ޑިސެމްބަރު 2024 - 05:56
ބެޔާ ލެވަކޫސަން އާއި  ބެޔާން މިއުނިކް ކުޅުނު މެޗްގެ ތެރެއިން
ބެޔާ ލެވަކޫސަން އާއި ބެޔާން މިއުނިކް ކުޅުނު މެޗްގެ ތެރެއިން

ޖަރުމަން ކަޕުގައި އެންމެ ފަހުގެ ޗެމްޕިއަން ބެޔާ ލެވަކޫސަން އާއި ދެކޮޅަށް ވަރުގަދަ ބެޔާން މިއުނިކް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބެޔާން މިއުނިކް ބަލިވެ މުބާރާތުން ކަޓައިފި އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މިމެޗުގައި ގިނަ ވަގުތު ބެޔާން މިއުނިކް އިން ވަނީ ކުޅެފަ އެވެ. އެއީ މެޗުގެ 17 ވަނަ މިނިޓުގައި ބެޔާން މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާއަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. އޭރިޔާ ބޭރުން ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮންގްއަށް ފައުލް ކުރުމާއި ގުޅިގެން ނޯޔާ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ.

ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބެޔާން މިއުނިކް އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް އެ ޓީމުން ވަނީ މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް މަދުން ނަމަވެސް ހޯދާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު, މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި ލެވަކޫސަން އަށް ކާމިޔާބު ކޮށްދީފައިވަނީ ކުރިން ޕްރިމިއާ ލީގުގެ ބާންލީ އާއި ސައުތެމްޓަން އަށް ކުޅުނު ނަތަން ޓެލާ އެވެ.
ބެޔާން މިއުނިކްގެ ފޯވަޑް ހެރީ ކޭން ނުލާ އެ ޓީމުން ކުޅުނު މި މެޗުގެ ދެވަނަ ހާފުގައި ބެޔާން މިއުނިކްގެ ކިންގްސްލީ ކޯމަން އާއި ކިމް މިން-ޖައި އަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

މި މުބާރާތް 20 ފަހަރު މަތިން ކާމިޔާބު ކޮށްފައިވާ ބެޔާން މިއުނިކް އަށް 2020 ވަނަ އަހަރުގެ ފަހުން އަދި މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ލެވަކޫސަންގެ ކޯޗު ކަމާއި ޒަބީ އަލޮންސޯ ހަވާލުވިފަހުން އެ ޓީމު އަދި މިހާތަނަށް ޖަރުމަން ކަޕްގެ މެޗަކުން ބަލިވެފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

0-1 ގެ ނަތީޖާއަކުން ބެޔާން މިއުނިކް ޖަރުމަން ކަޕުން ބަލިވެ މުބާރާތުން ކަޓައިފި ކުޅިވަރު | 9 މަސް ކުރިން