ވެރިކަން ވައްޓާލުމަކީ އެމްޑީޕީ އިން ކުރާނެ ކަމެއް ނޫން ކަމުގައި ފައްޔާޒް ވިދާޅު ވެއްޖެ
ގާނޫނުއަސާސީގެ ދިފާއުގައި ބާއްވާ ބޮޑު ސައްލާ އެމްޑީޕީ ހަރުގޭގަ ކުރިއަށްދަނީ.
06 ޑިސެމްބަރު 2024 - 11:37
ވެރިކަމެއް ވައްޓާލުމަކީ އެމްޑީޕީން ކުރާނެ ކަމެއް ނޫން ކަމަށާއި މަގުސަދަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް އެ ޕާޓީގެ ޗެއާޕާސާން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަންގާރަ ދުވަހު އެމްޑީޕީން މާލޭގައި ބާއްވާ "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން"ގެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ރޭ ބޭއްވި އެ ޕާޓީގެ ޖަގަހަ ޖަލްސާގައި ފައްޔާޒު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.ފައްޔާޒް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ހުރީ އާންމު ރައްޔިތުންނަށް ވަރަށް އުނދަގޫވާ ގޮތަށް ބައްޓަންކޮށްފައި ކަމަށާއި އެ އުސޫލު ކަންކަން ކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއާ "ހިތުހުރި ގޮތަކަށް" ކުޅެމުން އަންނަ ކަމަށާއި އެއީ އެ ގާނޫނުއަސާސީ ގެންނަން އެމްޑީޕީން ކުރި ބުރަ މަސައްކަތާ މުޅިން ދެކޮޅު ކަންތައްތައް ކަމަށެވެ. އެމްޑީޕީން މި ނުކުންނަނީ އެ ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް ވިސްނައިދެވޭތޯ އެކިއެކި ފޯރަމްތަކުގައި، އެކި ގޮތްގޮތަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި އެކަމަކު އެކަން ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައި ހަމަ އެ ދުވަހު ފާސްކޮށް އަދި ތަސްދީގުކުރި ކަންކަމުގެ ތެރެއިން ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އިރު ހުރި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ އަދި އަމިއްލަ ގޮތުން ހޮވުމަށް ފަހު ޕާޓީއަކަށް ވަދެއްޖެ ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ ވަނީ އެ ދުވަހު ބަދަލުކޮށްފަ އެވެ.