އެމް.އެލް.އެސް ގެ ޗެންޕިއަންކަން އެލް.އޭ ގެލެކްސީއަށް
އެމް.އެލް.އެސް ޗެންޕިއަން އެލް.އޭ ގެލެކްސީއިން ވަނީ ރެކޯޑް އަދަދަކަސް ހޯދާފައި. ފޮޓޯ: އެލް.އޭ ގެލެކްސީ
08 ޑިސެމްބަރު 2024 - 10:31
އެމެރިކާގެ މޭޖަރ ލީގް ސޮކަރ (އެމް.އެލް.އެސް) ގެ ޗެންޕިއަންކަން އެލް.އޭ ގެލެކްސީއިން ހޯދައިފިއެވެ. ރޭގައި ކުޅެވުނު ފައިނަލް މެޗުގައި ނިއު ޔޯކް ރެޑް ބުލްސް އާއި ދެކޮޅަށް ކުޅެ 2-1 އިން މޮޅުވެ، އެ ޓީމުން ރެކޯޑު އަދަދަކަށް މި މުބާރާތުގެ ތަށި އުފުލާލާފައެވެ.ޑިގްނިޓީ ހެލްތު ސްޕޯޓްސް ޕާކުގައި ކުޅުނު މި މެޗު ގެލެކްސީއިން ފެށީ ގަދަކޮށެވެ. އެގޮތުން މެޗު ފެށިގެން 9 ވަނަ މިނެޓުގައި ޖޯސެފް ޕެއިންޓްސިލް އަދި 13 ވަނަ މިނެޓުގައި ޑެޖަން ޖޮވެލްޖިކް ވަނީ ގޯލު ޖަހައިފައެވެ. މި ދެ ކުޅުންތެރިން ވެސް ގޯލު ޖެހުމަށްފަހު ސެލެބްރޭޓް ކުރީ ވެސްޓަން ކޮންފަރެންސް ފައިނަލްގައި އޭ.ސީ.އެލް އަށް ގެއްލުން ލިބިގެން މެޗު ނުކުޅެވުނު ރިކީ ޕުއިގްއަށް ޓްރިބިއުޓް ދިނުމުގެ ގޮތުންނެވެ.
ނިއު ޔޯކް ރެޑް ބުލްސްއަށް ގޯލުޖަހައިދިނީ 28 ވަނަ މިނެޓުގައި ޝޯން ނީލިސް އެވެ. ނަމަވެސް އެމިލް ފޯސްބަރގްގެ ލީޑަރޝިޕްގެ ދަށުން ކުޅުނު ރެޑް ބުލްސްއަށް އިތުރު ގޯލެއް ނުޖެހުނެވެ. މިއީ އެމް.އެލް.އެސް ފެށުނީއްސުރެ ވާދަކުރަމުން އަންނަ ޓީމުތަކުގެ ތެރެއިން ލީގުގެ ޗެމްޕިއަންކަން ނުލިބި އޮތް ތިން ޓީމުގެ ތެރެއިން އެއް ޓީމެވެ.
އެލް.އޭ ގެލެކްސީއިން މި ސީޒަންގެ ޕްލޭއޮފްސްގައި ޖުމްލަ 18 ގޯލު ޖަހައި އައު ރެކޯޑެއް ޤާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މި ސީޒަނުގައި އެމް.އެލް.އެސް ކާމިޔާބުކުރާނެކަމަށް އެންމެ ބޮޑަށް ބެލެވުނު މެސީގެ އިންޓަރ މަޔާމީ ވަނީ ޕްލޭއޮފްގެ ފުރަތަމަ ބުރުން ކަޓާފައެވެ.