ޖަޕާނުން އޭސީސީއަށް 2.1 މިލިއަން ޑޮލަރުގެ އެހީއެއް
08 ޑިސެމްބަރު 2024 - 12:25
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މޮބިލިޓީ އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރަން ޖަޕާނު ސަރުކާރުން 2.1 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ އެހީއާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ޓަކެއުޗީ މިދޯރީއެވެ.އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ޖަޕާނުން ރާއްޖެއަށް އެހީ ފޯރުކޮށްދީފައިވަނީ އެ ޤައުމުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވަލޮޕްމެންޓް ޕްރޮގުރާމްގެ ދަށުން ކަމަށެވެ. އަދި މި އެހީގެ ސަބަބުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް ވަރަށް ބޮޑަށް ހަރުދަނާކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވޮއެވެ.
އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޗަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިދޯރީ ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަނާ ދެކޮޅަށްކުރާ މަސައްކަތުގައި އެއްބާރުލުންދޭން ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އިޚުލާސްތެރިކަމާއި ނަޒާހަތްތެރިކަން އަށަގެންނެވުމަކީ ޤައުމެއްގެ ތަރައްޤީއަށް ވަރަށް މުހިންމުކަމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން އޭސީސީގެ މަސައްކަތަށް އެހީގެ ސަބަބުން އަވަސްކަމާއި ހަރުދަނާކަން އަންނާނެކަމަށް އުންމީދުކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.
ޖަޕާނު ސަރުކާރުން ފޯރުކޮށްދިން އެހީގެ ތެރޭގައި ފައިސާގެ އެހީއާއި 14 ވެހިކަލާއި 2 ކަނޑު އުޅަނދު ހިމެނެއެވެ.