ފްލެޓް ލިސްޓު އާންމުކުރުން ނޮވެމްބަރަށް ފަސްކޮށްފި
އަމާން އުދަރެސް ގެ ފްލެޓްތައް--ފޮޓޯ/ސަން
28 އޮކްޓޯބަރު 2024 - 04:54
ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރި ފްލެޓް ތަކުގެ ދާއިމީ ލިސްޓް އާންމުކުރުން މިއަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާއަށް ފަަސްކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން އެންމެ ފުރަތަމަ މި ލިސްޓުތައް އާންމުކުރަން އޮތީ މި ހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
އެހެން ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު "ހައުސިންގް އެޑްވައިޒަރީ ކޮމިޓީ" އާއި މާލެ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިންގް ކޮންސަލްޓެޓިވް ކޮމިޓީ" އިން ވެސް ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އެކުލަވާލައިފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނާތީ އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޭޝަން ފޯމުތައް ރީ-އިވޭލުއޭޓް ކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ނިންމާލެވޭނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާގެ ތެރެއަށް ކަމަށް ވެސް އެ ބަޔާނުގައި އެ ވުޒާރާއިން ބުންޏެވެ.
ގެދޮރުވެރިޔާގެ ދަށުން ހުޅުވާލި ފުރުސަތުގައި މިދިޔަ ސަރުކާރުން ވަނީ ފުރަތަމަ 4،000 މީހުންނަށް ފްލެޓް ދިނުމަށް ނިންމައި، ދާއިމީ ލިސްޓެއް އެކުލަވާލައިފައެވެ. އެހެން ނަމަވެސް އެ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަމުންދަނިކޮށް، އެ މަސައްކަތް ހުއްޓަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައި، އެ ލިސްޓުގެ މައްސަލަ ބަލަން އެ ކޮމިޝަނުން ފެށިއެވެ.
އެގޮތުން އޭސީސީން ހިންގި ތަހުގީގުގައި ބެލި ފޯމުތަކުން 59.6 އިންސައްތަ ފޯމުތަކަކަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ބުނެފައިވެއެވެ. އެއާއެކު އެ ލިސްޓު އަލުން ބަލައި، ރިވިއުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށިއެވެ.