ޕީއެސްއެމްގެ ޚިޔާނަތުގެ މައްސަލަ އޭސީސީއަށް
ޕަބްލިކް ސާވިސް މީޑިޔާ -- ފޮޓޯ/ ޕީއެސްއެމް
28 ސެޕްޓެމްބަރު 2024 - 09:14
ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ ފައިނޭންސް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި، އަހްމަދު ހަނީފްނުވަ މިލިއަން ރުފިޔާއަށް ޚިޔާނަތްތެރިވި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.
ޕީއެސްއެމްގެ ފައިސާއަށް ޚިޔާނަތްތެރިވިކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް އެ މީޑިޔާއިން ފެށީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ. އެގޮތުން އެ މައްސަލަ ފެންމަތިވީ، އެ ކުންފުނީގެ ނަގުދު ފައިސާގެ ގޮތުގައި ތިޖުރީގައި ހުރި ފައިސާގެ އަދަދުތައް ލޮގު ކުރުމުގައި ފާހަގަ ކުރެވުނު މައްސަލަތަކުންނާއި، 2020 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ފައިސާއިން ޑޮލަރު ގަނެފައި ހުރި ނަމަވެސް، ކުންފުނީގައި ޑޮލަރު ނެތުމުގެ އިތުރުން، ކުންފުނީގެ މާލީ ސްޓޭޓްމެންޓްތައް އަދާހަމަނުކޮށް ހުރުމާއި، އެކި ފަރާތްތަަކަށް ހަދަމުންދިޔަ ޕޭމެންޓް ވައުޗަރުތައް އަދާހަމަނުކޮށް ހުރި ހިސާބުން، މި އަހަރުގެ ތެރޭގައެވެ.
އެ މައްސަލަ ފެންމަތިވުމާއެކު، އެ ކުންފުނީގެ ޚާއްސަ އޮޑިޓެއް ކުރުމަށް އެދި އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ ކުންފުނީގެ މެނޭޖްމެންޓުން އެދުނެވެ. އެ އޮޑިޓު ރިޕޯޓުގެ ނަތީޖާއިން ދައްކާ ގޮތުން، ޙަނީފު ވަނީ ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނަތްތެރިވެފައެވެ. އެގޮތުން އެ ރިޕޯޓުގައި ބުނި ގޮތުގައި، އޭނާ ޚިޔާނަތްތެރިވެފައިވަނީ:
- ޕީއެސްއެމް އަށް ބޭނުންވި ޑޮލަރު ގަތުމުގެ ނަމުގައި 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ފައިސާ ގެ ތެރެއިން 4,583,701 ރުފިޔާއަށް،
- 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީ އާއި އަދި އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވާ ފައިސާ ގެ ތެރެއިން 4,260,295 ރުފިޔާއަށް އަދި
- ޕީއެސްއެމްގެ ތިޖޫރީގައި ހުރި ފައިސާ ގެ ތެރެއިން 190,087 ރުފިޔާއަށް
އެ ފައިސާގެ ތެރެއިން އޮންލައިން ފައިސާ ހަދައިގެން ހަނީފު ޚިޔާނަތްތެރިވި ފައިސާގެ، 91 އިންސައްތަ ފައިސާ އެކި ފަހަރު މަތިން ޓްރާންސްފާކޮށްފައިވަނީ އޭނާގެ ދަރިއެއްގެ އެކައުންޓަށް ކަމަށް ވެސް އެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނި ގޮތުގައި، ކޮރަޕްޝަނުގެ މައްސަލަތަކަކީ އޭސީސީގެ އިހްތިސާސު އޮންނަ މައްސަލަތަކަށް ކަމަށް ވުމުން، އެ މައްސަލަ އެ އިދާރާގެ ފަރާތުން އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހަނީފު ވަނީ މަގާމުން ވަކިކޮށްފައެވެ.