ކުރީގެ ނައިބު ރައީސް ޖިހާދުގެ މައްސަލަ އަލުން ހައިކޯޓަށް
.webp&w=3840&q=75)

08 ޑިސެމްބަރު 2024 - 13:36
ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރެއްވިއިރު ދައުލަތަށް ފައިދާ ނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގެ އިސްތިއުނާފް އަލުން ހައިކޯޓަށް ހުށަހަޅައިފި އެވެ.
ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރެއްވިއިރު ދައުލަތަށް ފައިދާ ނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ.
ޖިހާދުގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޖުން ނިންމެވީ އެކޯޓުގެ ރަޖިސްޓްރާ ނިންމެވުމާ ގުޅިގެންނެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ޖިހާދު ހުންނެވި އިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރެއްވިއިރު ދައުލަތަށް ފައިދާ ނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ.
ޕިޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މެންދުރު ޓީވީ އަށް ވިދާޅުވީ އެމައްސަލަ އަލުން މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ އެވެ. އަދި މިހަފްތާތެރޭގައި ސުޕްރީމް ކޯޓަށް ހައި ކޯޓު ނިންމުމުގެ އިސްތިއުނާފު ހުށަހަޅާނެ ކަމަށްވެސް ޝަފީއު ވިދާޅުވި އެވެ.
ފުށިދިއްގަރުފަޅު މައްސަލާގައި 2021 ވަނަ އަހަރު ކްރިމިނަލް ކޯޓުން ޖިހާދުގެ މައްޗަށް ކޮށްފައިވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ. އޭރު ޖިހާދުގެ މައްޗަށް ކުރި ދައުވާއަށް ޖިހާދު ވަނީ އިންކާރު ކުރައްވާފަ އެވެ.
ކްރިމިނަލް ކޯޓުގައި 2021 ވަނަ އަހަރު ކުރިއަށް ދިޔަ މައްސަލާގައި ދައުލަތުން ވަނީ ޖިހާދުއާއި ދެކޮޅަށް ހެކިވެސް ހުށަހޅުއްވާފަ އެވެ. ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބައެއް މީހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ޖިހާދު ދެއްވާފައިވާ ބަޔާނާއި ވަޒީރުންގެ މަޖިލީހުގެ ބައެއް ލިޔުންތަކެވެ.
އެހެންނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން އޭރު ނިންމުމުން ދައުލަތުން އެމައްސަލަ އިސްތިއުނާފް ކުރަން ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ހައި ކޯޓުގައި ފުރަތަމަ އޮއްވާ އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފުނުވާތީ ކަމަށް ބުނެ އެވެ.
ދެވަނަ ފަހަރު އެ މައްސަލަ ދައުލަތުން ހުށަހެޅުމުން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އަލުން މައްސަލަ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
އެހެންވެ، އެ ނިންމުން ރިވިއުކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލްކުރަން ޖެހޭ ތަނެއް ނެތް ކަމަށެވެ.
ދައުލަތުން ހައި ކޯޓުގައި އެދިފައި ވަނީ އެމައްސަލަ އަލުން ކްރިމިނަލް ކޯޓުގައި ބަލަން އަމުރުކޮށްދިނުމަށެވެ.