ރައީސް އަތޮޅުތެރެއަށް: މިއަދުވެސް 3 ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ
ރައީސް މިހާރު ކުރިއަށް ގެންދަވާ ދަތުރުފުޅުގެ ތެރެއިން
09 ޑިސެމްބަރު 2024 - 04:09
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުވެސް 3 ރަށެއްގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.
އެގޮތުން ރައީސް މިއަދު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ މާލެ އަތޮޅު ގާފަރަށެެވެ. ގާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު މެންދުރު ހުރައަށް އަވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ފަހު ރަށެއްގެ ގޮތުން މިއަދު ހަވީރު ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ އަދި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ އަމާޒަކީ، މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުން ކަމަށެވެ.