ނުސީރަތު ރެފިއުޖީ ކޭމްޕަށް ހަމަލާދީ 33 މީހުން ޝަހީދުކޮށްލައިފި
ހަމަލާގައި ޝަހީދުވި އާއިލާތަކުގެ މީހުން
13 ޑިސެމްބަރު 2024 - 07:32
ޔަހޫދީ އިސްތިއުމާރީ ދައުލަތުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި މިއަދުވެސް 33 މީހުން ޝަހީދުކޮށްލާފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.
އަލްޖަޒީރާއިން ބުނީ ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި 33 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަލްޝައިޚް ޢަލީ ޢާއިލާއަށް ނިސްބަތްވާ މީހުންކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ.
އިސްރާއިލުން ހަމަލާ ދީފައިވަނީ ކުޑަކުދިންނާއި އަންހެނުންނާއި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައް ބަޔަކު ދިރިއުޅެމުން އަންނަ ރެސިޑެންޝަލް ބްލޮކަކަށެވެ.
މި ހަމަލާގައި 50 އެއްހާ މީހުން ޒަހަމްވެފައިވާއިރު ޔަހޫދީ ފައުޖުން އަންނަނީ ފަލަސްތީނުގެ ޣައްޒާގެ އިތުރުން ސީރިއާއަށްވެސް ހަމަލާތަކެއް ދެމުންނެވެ.
މިދިޔަ މަހު ލުބުނާނާއި ޔަހޫދީންނާއި ދެމެދު ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ބެހޭ އެއްބަސްވުމުގެ ދަށުން ލުބުނާނުން ޔަހޫދީ އިސްތިއުމާރީ ފައުޖުގެ ސިފައިން ފޭބުމުގެ މަސައްކަތް މަރުހަލާތަކަކަށް ބަހާލައިގެން މީހާރު ކުރިއަށް ދާއިރު މި އެއްބަސްވުމުގެ ތަންފީޒީ މަރުހަލާގެ ކަންކަން ބަލަހައްޓައި މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ އެމެރިކާއިންނެވެ.