ގްރީން ބިލްޑިންގުގައި ރޯވެ އެނދުމުގެ ޒިންމާ އެމްއެންޑީއެފުން އުފުލަންޖެހޭ: އެމްޑީޕީ
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
16 ޑިސެމްބަރު 2024 - 08:52
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި ޓިނު ބިލްޑިންގުގައި ބުރާސްފަތިދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެތާ ކައިރީ ހުރި ގްރީން ބިލްޑިންގުގައި ރޯވެ އެނދުމުގެ ޒިންމާ އެމްއެންޑީއެފުން އުފުލަން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް ވަނީ އަލިފާންގަނޑު ކޮންޓްރޯލްކުރަން އެހާ ގިނަ ވަގުތު ނެގީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. ހާދިސާ ހިނގީ އެމްއެންޑީއެފް ފަޔާގެ މައި މަރުކަޒާ އެހާ ކައިރީގައި ހުރި ތަނެއްގައި ކަމަށް ވާއިރު، ވަށައިގެން ފުޅާ މަގުތަކާއި ކައިރީގައި ޓީޖެޓީ އޮތްއިރު އަލިފާން ނިއްވަން އެހާ ގިނަ ވަގުތު ނެގި ސަބަބެއް ގަބޫލު ނުކުރެވޭ ކަމަށް ސަލީމްވަނީ ވިދާޅުވެފައެވެ.
"ގްރީން ބިލްޑިންގަކީ އެ ކޮށީގައި ވަކިން ހުރި އިމާރާތެއް. ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި އިމާރާތަކީ ބިލްޑިން ކޯޑަށް ނުފެެތޭ މިންގަނޑުތަކަށް ނުފެތޭ ތަނެއް ވީމާ އަލިފާންގަނޑު އެ ތަނުގައި ކޮންޓްރޯލް ކުރަން އުނދަގޫ ވެދާނެ. އެކަމަކު ޖެހިގެން ހުރި ގްރީން ބިލްޑިންގަކީ ޒަމާނީ ފަހުގެ އިމާރާތެއް، އިންޑިއާ ސަރުކާރުގެ އެހީގައި ހަދާފައި ހުރި އިމާރާތެއް، ގޯޅިގަނޑަކުން ހައުސިން މިނިސްޓްރީއާ ވަކިން ހުރި ތަނެއް. އަޅުގަނޑުމެން މި ބުނަނީ އެކަށީގެންވާ ވަގުތު ލިބި އެ އިމާރާތް ސަލާމަތް ނުކުރެވުނީ ކީއްވެތޯއޭ؟ އަދި އެ އިމާރާތުގައި ހުރި އިންފްރާސްޓްރަކްޗާ ރައްކާތެރި ނުކުރެވުނީ ކީއްވެތޯއޭ؟"
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ގްރީން ބިލްޑިންގް އެނދި މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ޒިންމާ ނަންގަވަން ޖެހޭނެ ކަމަށާއި މިހާ ބޮޑު މައްސަލައެއްގައި މިނިސްޓަރު އިސްތިއުފާ ދެއްވަން ވެސް ޖެހިވަޑައިގަންނަވާނެކަމަށެވެ.
އެންމެ ބޮޑަށް އިހުމާލުވީ އެމްއެންޑީއެފުން.. އަލިފާނުގެ ހާދިސާގެ މައުލޫމާތު 6 އާއި 6:30 އާ ދޭތެރޭގައި އެނގިއްޖެ. އަލިފާން ބޭރަށް ފެނިފައި މި ހުންނަނީ ދޮޅުގަޑިއެއްހާއިރު ފަހުން. އެހެންވީމާ އެ ބޭފުޅުންނަށް އަލިފާން ކޮންޓްރޯލް ކުރަން އެކަށީގެންވާ މަސައްކަތެއް ކުރެވުނުތޯ އެއީ އުފެދޭ ސުވާލެއް.މިތާ 4 ވުޒާރާއެއްގެ މުހިންމު ޑޮކިއުމެންޓް އެބަހުރި. ސުވާލަކީ ބަލަހައްޓާއިގެން ތިބީހޭ އެތަން އަނދާ އަޅިއަށްވީއިރު"
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ވުޒާރާތަކުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ ދަރުބާރުގޭގައެވެ.