މި ވެރިކަމުގައި ހަކަތައިގެ ސިނާއަތު އޮތީ ވަރަށް އުޖާލާކޮށް: ފަހުމީ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ
20 ޑިސެމްބަރު 2024 - 10:03
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ހަކަތައިގެ ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށްކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ކަރަންޓުގެ ޚިދުމަތުގެ އަލިމަސްޔޫބީލާއި ހަމަޔަށް ވާސިލުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމު ބިނާކުރުމާއި، ތަރައްޤީއާއި ތަހުޒީބަށް މަގުފަހިކޮށްދީ، އިންސާނީ އަދި އުމްރާނީ ތަރައްޤީއަށް ކަރަންޓުގެ ޚިދުމަތްތެރީން އިޚްލާޞްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ އަގުހުރި މަަސައްކަތްތައްކަމަށެވެ.
ފަހުމީ ވިދާޅުވީ ކާމިޔާބީގެ ވާހަކަތައް ތާރީޚުގައި ލިޔެވިގެންދާއިރު، މި ސިނާއަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާމެދުފަޚުރުވެރިވާކަމަށެވެ. އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލައިގެން، ކާމިޔާބީގެ ހަރުފަތްތައް ގިރާކުރަމުން އަލިމަސް ޔޫބީލްއާ ހަމައަށް ވާޞިލުވުމުގައި، މި ސިނާއަތުގައި އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުން ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވި ޚިދުމަތްތަކަށާއި، އަދި މިހާރު ތިއްބެވި ބޭފުޅުން މެދުކެނޑުމެއް، ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި ކޮށްދެއްވަމުންގެންދަވާ އަގުހުރި ޚިދުމަތްތަކަށް ފަހުމީ ވަނީ ޝުކުރު ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށްކަމަށެވެ.