ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ މާލެއަށް
ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި --- ފޮޓޯ/ސަން
21 ޑިސެމްބަރު 2024 - 06:16
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓުން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ހުޅުލެއަށް 117.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، 111.5 މިލިމާޓަރުގެ ވާރޭ ވަނީ ބ. ދަރަވަންދޫއަށް ވެހިފައެވެ.
މެޓުން ދައްކާ ގޮތުން އިއްޔެ އެންމެ މަދުން ވާރޭ ވެހުނީ ހދ. ހަނިމާދޫ އަށެވެ. އެގޮތުން ހަނިމާދޫއަށް ވަނީ 0.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މެޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނު ސަރަހައްދަކީ ވެސް މާލެ ހިމެނޭ ސަރަހައްދެވެ. އެގޮތުން މާލެ، ހުޅުމާލެ، ހުޅުލެ، އަދި ކ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ކ. ދިއްފުށި، ގާފަރު އަދި ކާށިދޫއަށް ވަނީ އެވްރެޖް ގޮތެއްގައި 70 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މީގެ އިތުރުން ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ސަރަހައްދުކަމުގައިވާ ބ. އަތޮޅުގެ ގޮއިދޫ އާއި ދަރަވަންދޫއަށް ވަނީ އެވްރެޖް ގޮތެއްގައި 55 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މެޓުން އެފަދައިން ބުނިއިރު، ރެއިންސުރެ ވެހުނު ވާރޭގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެގޮތުން އެ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރިއިރު، މުޅި ޖުމްލަ 16 ތަނެއްގައި ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އިން ވަނީ ކޮށްފައެވެ.