ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެއެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ
މާލެއަށް ވާރޭ ވެހެނީ -- ފޮޓޯ/ މިހާރު
26 ސެޕްޓެމްބަރު 2024 - 06:53
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ބުނެފިއެެވެ.
މެންދުރު ޓީވީ އަށް މަޢުލޫމާތު ދެއްވަމުން މެޓް އޮފީހުފެ އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މިއަދުގެ މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ވަނީ ނެރެފަ އެވެ. މެޓް އޮފީހުން މިއަދު ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ގއ.އަތޮޅަށެވެ. އެ ސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ މެންދުރު 12:00 އިން 18:00 އަށެވެ.
އެގޮތުން އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއި ގުގުރުން އެކަަށީގެންވެއެވެ. މީގެ އިތުރުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަން ފާހަގަކުރައްވައި ވައިގެ ބާރުމިން ވިލާގަނޑުގައި ގަނޑިއަކު 40 މޭލަށް ގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާގެ ސަމާލުގައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރައިން އެފަދައިން ލަފާކޮއްފައިވާއިރު ކުރިއަށް އޮތީ ސްކޫލް ބަންދު ދުވަސްވަރެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައިވެއެވެ.