ޅ އަތޮޅުން ފ އަތޮޅަށް ހުދު ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ-- ފޮޓޯ/ ސަން އޮންލައިން
29 ސެޕްޓެމްބަރު 2024 - 06:00
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރާއި، މެދު ރާއްޖެތެރޭގެ ބައެއް ހިސާބުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހަވީރު 18:00 އާއި ހަމައަށް މޫސުން ލަފާކޮށް މެޓް އިން ކުރި ޕޯސްޓެއްގައި ވާގޮތުުން، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަަކަށް ގުގުރުން އެކަށީގެންވާކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ.
މެޓުން ހުދު ސަމާލު ނެރުނީ ޅ އަތޮޅުން ފެށިގެން ފ އަތޮޅާއި ހަމައަށެވެ. މިއަދު މެންދުރުފަހު 3:30 އާ ހަމައަށް ނެރުނު އެ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، ގަޑިއަކު 8 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 3-6 ފޫޓު ހުންނާނެކަމަށް ވެސް މެޓުން ނެރުނު ސަމާލުގައި ވެއެވެ.