މި ސަރުކާރުގައި ކޮރަޕްޝަނަކަށް އެއްވެސް ޖާގައެއް ނޯންނާނެ: ރައީސް
22 ޑިސެމްބަރު 2024 - 12:08
މި ސަރުކާރުގައި ކޮރަޕްޝަނަކަށް އެއްވެސް ޖާގައެއް ނޯނާނެކަމަށްރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ "ސަންގު" ޓިވީއިން ކުރ ސުވާލަކަށް ޖަވާބު ގެއްވަމުންނެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސްކަމެއް ސަރުކާރު ތެރެއިން ހިނގަން އެމަނިކުފާނު ބޭނުންފުޅުވެވަޑައި ނުގަންނަވާކަމަށެވެ.
ނުހައްގުން ގޯތިތަކެއް ދިން މައްސަލައިގައި އެޗްޑީސީގެ ވެރިންނަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިޔާވަނީ ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަންކުރައްވަނީ ވައްކަންކޮށް، ކޮރަޕްޝަން ހިންގާކަށް ނޫންކަމަށް ފާހަގަކުރައްވާފައެވެ.
އެގޮތުން މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އާއި ނުގަވާއިދުން ހިނގާ ކަންކަމާ ދުރުވެފައި އޮތް ސަރުކާރަކަށް ހެދުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި އެ ވައުދުގެ މަތީގައި ދެމިހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގައި ނެތް ބަޔަކަށް ގޯތިތަކެއް ދިން މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމާ ގުޅޭ މައްސަލަތަކުގައި އެޗްޑީސީގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި ބޯޑުގެ ހުރިހާ މެމްބަރުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި މި މައްސަލާގައި، އެ ކުންފުނިން 15 މުވައްޒަފަކު މިއަދު ވަކިކޮށްފައި ވެސް ވެ އެވެ.
މި މައްސަލަތަކުގެ ތަހުގީގަށް ފުރުސަތު ދެއްވުމަށް ކަމަށް ވިދާޅުވެ، ގިނަ ތުހުމަތުތަކެއް އަމާޒުވި، އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ރައީސް މިއަދު ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް އައްޔަންކުރައްވައިފަ އެވެ.