ނިމިގެން މި ދަނީ ފަތުރުވެރިކަމަށް ރަން އަހަރެއް !
24 ޑިސެމްބަރު 2024 - 10:16
ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދު އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު އެއް ސިނާއަތެވެ. ފަތުރުވެރިކަމުގެ ދައިރާގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ ރިސޯޓުތަކެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މި ސަރުކާރު ރާއްޖޭގެ ވެރިކަމާ ހަވާލުވީއިރު އިގްތިސާދީ ހާލަތު އޮތީ ނުހަނު ނާޒުކު ފައްތަރެއްގައެވެ. ވުމާއެކު ސަރުކާރުން އެންމެ އިސްކަމެއްދިނީ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކޮށް ކުރިއަރުވާށެވެ.
ފަތުރުވެރިކަމުގެ ސިނާއަތާ ހަވާޅުވެވަޑައިގެން އިގްތިސާދަށް ދިރުން ގެނެސްދެއްވުމާ ހަވާލުވެވަޑައިގެން ހުންނެވީ މިނިސްޓަރ ފައިސަލްއެވެ. އެގޮތުން މިއަހަރަށް ސަރުކާރުން އަމާޒުހިފީ 2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަހަރުގެ ބާކީ އޮތީ 6 ދުވަހެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިޔަން ފަތުރުވެރިން އައިސްފައިވާއިރު މިއަހަރުގެ އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ ގާތްގަނޑަކަށް 58،805 ފަތުރުވެރިންނެވެ.
ވޭތުވެ ދިޔަ 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 1،878،543 (އެއް މިިލިއަން އަށް ލައްކަ ހަތްދިޔަ އަށް ހާސް ފަސްސަތޭކަ ސާޅީސް ތިން ) ފަތުރުވެރިންނވެެ. އެއަހަރު ފަތުވެރިކަން ވަނީ 12.1 އިންސައްތައިގައި ކުރިއަރާފައެވެ. މި ހިނގާ ޑިސެމްބަރުމަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 2.9 އިންސައްތަ އިތުރު އަދަދެކެވެ.
މިހާރު ރައްޖެއަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،092 ފަތުރުވެރިން އާދެއެވެ. މިމަހުގެ ކުރީކޮޅު ރާއްޖެއަށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދުތައް ހުރީ 5،000ގައެވެ.
ފަތުރުވެރިންގެ ޖުމްލަ އަދަދަށް ބަލާއިރު، އަހަރުގެ މިހާތަނަށް ވަނީ 1.9 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ 1.7 މިލިޔަން ފަތުރުވެރިންނާއި އަޅާ ބަލާއިރު %8.8 އިތުރު އަދަދެކެވެ.
މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 3 ގައުމުގެ ތެރެއިން ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެގައުމުން 259،222 ފަތުރުވެރިން، ދެވަނައިގައި އޮތް ރަޝިޔާ އިން 214،271 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 170،906 ފަތުރުވެރިންވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ޗައިނާ ފަތުރުވެރިން އިތުރުކުރުމަށް ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި ޗައިނާގެ ފުޖިއަން އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރވެސް ވަނީ ވިދާޅުވެފައެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޒިންމާ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރައްވާނެކަމުގެ ޔަޤީންކަން ފައިސަލް ވަނީ ދެއްވާފައެވެ.އެއާއެކު މިހާރު ފެނިގެންދަނީ ޒިންމާދާރުކަމާއި ހަރުދަނާކަމާއެކު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ނަތީޖާތަކެވެ. މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖެއަކީ ޒަމާނުއްސުރެ ލަގްޒަރީ ރިސޯޓުތަކަށް މަޝްހޫރު މަންޒިލަކަށް ވިޔަސް، ލަގްޒަރީ ޓޫރިޒަމާއެކު ފަތުރުވެރިކަމުގެ އިތުރު ޕްރޮޑަކްޓްތައް ތަޢާރަފްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި ބޮޑެތި ބައިނަލްއަޤްވާމީ އިވެންޓްތައް ބޭއްވުމަށް އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ބައްޓަންކޮށް، މިހާރު ހުރި ފެސިލިޓީތަކާއި ކޮންފަރެންސް ވެނިއުތައް އިތުރަށް ތަރައްގީކޮށް އެމްއައިސީއީ (މީޓިންގސް، އިންސެންޓިވްސް، ކޮންފަރެންސް، އެންޑް އެގްޒިބިޝަންސް) ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް ރައީސް މީގެ ކުރިން ވިދާޅުވީ، އެކަންކަމުގެ ތެރޭގައި ހޮސްޕިޓާލިޓީ ދާއިރާއިން އެންމެ މަތީ ފަންތީގެ ތަމްރީނުތައް ދޭ ސްކޫލެއް ގާއިމު ކުރުމާއި ކުޅިވަރާއި މެޑިކަލް އަދި ސަގާފީ ޓޫރިޒަމް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކޮންމެއަކަށް މިއަހަރު ރާއްޖެއިން ކަނޑައެޅި އަމާޒު ހާސިލްވުމުގެ ނިޝާންތައް މިވަނީ ފެންނަން ފަށާފައެވެ. ކޮވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑު ބަދަލެއް އައިސް އެންމެ ބޮޑު ކާމިޔާބީއެއް ލިބިގެންދާ އަހަރުކަމުގައި މިއަހަރު ވެގެންދާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ. ރައީސް މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް ފަތުރުވެރިކަމާ ބޭހޭ ވަޒީރު ފައިސަލްގެ ވަޒީރުކަމުގެ ދަށުން ދާއިރާއަށް ދަނީ ހެޔޮ ބަދަލުތަކެއް ގެނެސްދެމުންނެވެ.