ވެއްޓުނު ފްލައިޓާ ގުޅިގެން އާޒަރުބައިޖާނުގެ ރައީސަށް، ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އަޒުރުބައިޖާންގެ ރައީސް އިލްހާމް ހައިދާރު އޮގްލޫ އަލިޔޭވް--ފޮޓޯ: ރައީސް އޮފީސް
26 ޑިސެމްބަރު 2024 - 05:09
އާޒަރްބައިޖާނުގެ ފްލައިޓެއް ވެއްޓުނު ޙާދިސާއާ ގުޅިގެން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަޒުރުބައިޖާންގެ ރައީސް ހިޒް އެކްސެލެންސީ އިލްހާމް ހައިދާރު އޮގްލޫ އަލިޔޭވްއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.
ތައުޒިޔާ ފޮނުއްވަމުން މިއަދު ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، އަކްތާއު ކައިރީގައި މަތިންދާބޯޓު ވެއްޓުނު ހާދިސާގެ ޚަބަރު ލިބުމުން ހިތާމަފާޅުކުރެއްވި ކަމަށެވެ.
އަދި އެ ހިތާމަވެރި ޙާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ވެސް ރައީސް ވަނީ ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
މި މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ މިހާރު ކުރަމުންދާ ރިކަވަރީ މަސައްކަތްތަކުގެ ކާމިޔާބީއަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އިއްޔެ އަކްޓައު ކައިރިއަށް ފްލައިޓް ވެއްޓުމާ ގުޅިގެން، 38 މީހަކު ވަނީ މަރުވެފައެވެ. އެ ފްލައިޓް ދަތުރުކުރީ އެގައުމުގެ ވެރިރަށް ބަކޫ އިން ދެކުނު ރަޝިޔާގެ ގްރޮޒްނީއަށެވެ. އެ ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބާ ގުޅޭ ގޮތުން އެގައުމުގެ އިދާރާތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.