ދިވެހިންނަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ބަދަހިކަން ދައްކާ ބައެއް: ރައީސް
ރައީސް މުއިއްޒު އަދި ސަރުކާރުގެ ވެރިން
26 ޑިސެމްބަރު 2024 - 06:20
ދިވެހިންނަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ބަދަހިކަން ދައްކާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ދިވެހިންނަކީ ގައުމަށް ދިމާވާ ކޮންމެ މުހިންމު ހާލަތެއްގައި، އެއް އާއިލާއެއްގެ ބަދަހިކަން ދައްކާ، އުޚުއްވަތްތެރި، އެކުވެރި، އޯގާތެރި ހެޔޮލަފާ ރައްޔިތުންތަކެއްކަމަށެވެ.
ދިވެހިންގެ އެއްބައިވަންތަ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހެވެ.
2004 ޑިސެމްބަރ ގެ ސުނާމީއަށް މިއަދު 20 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީފާހަގަކުރަމުންނެވެ.