އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް އަވަހާރަވެއްޖެ
އިންޑިއާގެ ބޮޑުވަޒީރުކަން ދެ ދައުރަކަށް ކުރެއްވި މަންމޯހަން ސިންހް
27 ޑިސެމްބަރު 2024 - 04:40
އިންޑިއާގެ ބޮޑުވަޒީރުކަން ދެ ދައުރަކަށް ކުރެއްވި މަންމޯހަން ސިންހް، އުމުރުން 92 އަހަރުގައި އަވަހާރަވެއްޖެއެވެ.
އިންޑިއާގެ 1991 ވަނަ އަހަރުގެ އިގްތިސާދީ ބަދަލުގެ މޭސްތިރިއާ އަދި އެމެރިކާއާ ގުޅުން ބަދަހިކުރުމުގައި އެންމެ އިސް ލީޑަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސިންގް އަވަހާރަވީ ރޭ ކުއްލިއަކަށް ސިއްހީ ހާލުކޮޅު ދަށަށް ދިއުމާ ގުޅިގެން އިންޑިޔާގެ އައިމްސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ސިންހް، އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004އިން 2014އަށެވެ. ސިންހު ވެފައިވަނީ ޖަވާހަރްލާލް ނެހްރޫ އާއި އިންދިރާ ގާންދީ އާއި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފަހު، އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ.
އިދިކޮޅު އިންޑިއަން ނެޝަނަލް ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ސިންހް ވަނީ 1982އިން 1985އަށް ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރުކަން ކުރައްވައި، 1991އިން 1996އަށް ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.
އިކޮނޮމިސްޓެއްގެ ގޮތުގައި މަގުބޫލު އުސޫލުތަކެއް ގެންގުޅުއްވި ސިންހް، 1990ގެ އަހަރުތަކުގައި އިންޑިއާއަށް މުހިންމު އިގުތިސާދީ އިސްލާހުތަކެއް ގެނެސްދެއްވިއެވެ.
ސިންހް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ، ރާޖަޔާ ސަބާގައި 1995ގައި ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. އެއަށްފަހު، ރާޖަޔާ ސަބާއިން ރިޓަޔާ ކުރެއްވީ 33 އަހަރު ހޭދަކުރެއްވުމަށްފަހު، މިދިޔަ އޭޕްރިލް މަހުގައެވެ.
ސިންހްގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވުނު ކާމިޔާބީތަކުގެ ތެރޭގައި، އެ ދައުރުގައި ޖީޑީޕީއަށް 8.5 ޕަސެންޓުގެ ކުރިއެރުމެއް ގެނެސްދެއްވުން ހިމެނެއެވެ.