ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރަކީ ހަނގުރާމަވެރިއެއް ކަމަށްބުނެ ހައްޔަރުކޮށްފި
މަޣާޒީ ރެފިއުޖީ ކޭމްޕް ގައި ޝަހީދުވި ފަލަސްތީނު ރައްޔިތެއްގެ ޖަނާޒާގައި އާއިލާގެ މެމްބަރުންތަކެއް
29 ޑިސެމްބަރު 2024 - 04:52
އިސްރާއީލުން ހަމަލާދިން ފަަލަސްތީނުގެ ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރު ހުސާމް އަބޫ ސާފިޔާ އަކީ ހަމާސްގެ ހަނގުރާމަވެރިއެއް ކަމަށް ބުނެ ޔަހޫދީން އޭނާ ހައްޔަރުކޮށްފިއެވެ.
ޣައްޒާގެ އުތުރުގައި މި ވަގުތު ހުރި ޞިއްޙީ ފަރުވާ ދެވޭ ތިން ޞިއްޙީ މަރުކަޒުގެ ތެރެއިން އެންމެ ރަނގަޅު މަރުކަޒު ކަމަށްވާ ކަމާލް އަދްވާން ހަސްފަތާލަށް ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކުރަމުންދާތާ ގިނަ ހަފުތާތަކެއް ވެއްޖެއެވެ.
ހަމާލާގެ ސަބަބުން ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި މުވައްޒަފުން ވެސް ވަނީ އެތަނުން ނެރެ، ތަން ހުސްކޮށްފަ އެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 36 މީހަކު ޝަހީދުކޮށްލާފައިވާކަމަށް ވަފާ ނިއުސް އެޖެންސީން މައުލޫމާތުދެއެވެ.
ޔަހޫދީ އަސްކަރިއްޔާއިން ބުނީ ކަމާލް އަދްވާން ހޮސްޕިޓަލުގައި ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުންނަ ކަމަށާއި އެތަނަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަން ނިންމާލި އިރު އެ ސަރަހައްދުގައި ތިބި 240 އަށް ވުރެ ގިނަ "ޓެރަރިސްޓުން" ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހަމަލާއާ ގުޅިގެން ހަމާސްއިންވަނީ ޣައްޒާގެ ހޮސްޕިޓަލްތައް ބައިނަލްއަގްވާމީ ގޮތުން ހިމާޔަތްކުރުމަށް ގޮވާލާފައެވެެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,300އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 108,038 މީހުން ޒަޚަމު ކޮށްލާފައެވެ.