ޑިސެމްބަރު އުމްރާއަށް 6,373 މީހުން ގޮސްފައިވޭ

އުމްރާއަށް ދިޔަ ދިވެހިންތަކެއް

29 ޑިސެމްބަރު 2024 - 07:41
މިއަހަރުގެ ޑިސެމްބަރު މަހު 6373 މީހުން އުމްރާއަށް ގޮސްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު ވިދާޅުވީ މިއަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް އެކި ކުންފުނިތަކުގެ ހަވާލުގައި މައްކާއަށް 6373 މީހަކު ގޮސްފައިވާ ކަމަށާއި، އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް އެކި ކުންފުނިތަކުގެ ހަވާލުގައި މީހުން ދިޔައިރު އުމްރާއަށް މީހުން ގެންދިއުމަށް މިވަގުތުވެސް 50 އަށްވުރެ ގިނަ ކުންފުންޏަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުއްދަ ދޫކޮށްފައެވެ. އުމްރާއަށް މީހުން ގެންދިޔުމުގައި އެކި ފަރާތްތަކުން މަކަރާއި ހީލަތްހަދާ މައްސަލަތައް މީގެކުރިން ފެންމަތިވެފައިވާތީ އެކަން ހުއްޓުވުމަށް ސަރުކާރުންވަނީ އުސޫލުވެސް ބަދަލުކޮށްފައެވެ.
އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލްގައިވާގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަދީފައިވާ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ވެއްޖެނަމަ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު 1،000 ރުފިޔާއާއި 1،00،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ލިބެއެވެ. އަދި އުމްރާއަށް ގެންދިޔުމުގެ ހުއްދަ ނެތި އެއްވެސް އަމަލެއް ކޮށްފިނަމަ އެ ކުންފުންޏެއް 1،00،000 އާއި 5،00،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.މީގެ އިތުރުން ހުއްދަ ބާތިލުކުރުމާއި ހިފެހެއްޓުމުގެ އިތުރަށް މައްސަލައިގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެ މައްސަލައަކީ ޖިނާއީ މައްސަލައެއް ނަމަ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވާ، މަދަނީ މައްސަލައެއް ނަމަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް އުސޫލުގައިވެއެވެ.
އިތުރު ލިޔުންތައް

ޒަކާތު ފަންޑަށް މިހާތަނަށް 77 މިލިއަން ރުފިޔާ ލިބިފައިވޭ: މިނިސްޓަރު
7 މަސް ކުރިން
އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާއި ޚިލާފުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއް
6 މަސް ކުރިން
ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމަކީ ކުރަން ޖެހޭ ކަމެއް-ޝަހީމް
6 މަސް ކުރިން