ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަކިކުރަން ޖެހިދާނެ ކަމަށް އަންގައިފި


08 ޖެނުއަރީ 2025 - 12:50
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލުމާ ގުޅިގެން އެ މިނިސްޓްރީގެ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގައިފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހައުސިންގް މިނިސްޓްރީ އުވާލައްވާ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކޮށްފަ އެވެ.
އެ މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތާމެދު ސިވިލްސާވިސް ކޮމިޝަނުން ވަނީ އެމުވައްޒަފުންނަށް މެއިލްއެއް ފޮނުވާފަ އެވެ. މެއިލް ގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީގައި ތިބި މުވައްޒަފުން ފިނޭންސް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ބަދަލުކޮށްފައިވާ މަސައްކަތްތައް ކުރާނެ މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ މިނިސްޓްރީތަކަށް ގެނައި ބަދަލާއި އެކު ސްޓްރަކްޗަރތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނާސިހު ވިދާޅުވީ އަދި އެއްވެސް މުވައްޒަފެއް ވަކި ނުކުރާކަމަށާ މުވައްޒަފުން ވަކިކުރަންޖެހޭކަންވެސް އިނގޭނީ ސްޓްރަކްޗާ އެކުލަވައި ނިމުމުން ކަމަށެވެ. މުވައްޒަފުން ވަކިކުރާނީ އިތުރު އެހެން ގޮތެއް ނެތުމުން ކަމަށާ މުވައްޒަފުންނަށް އެހެން މިނިސްޓްރީއަކުން ނުވަތަ ސަރުކާރުގެ އެހެން އޮފީހަކުން ވެސް ވަޒީފާއެއް ދެވެން ނެތް ހާލަތުގައި ކަމަށް ނާސިހު ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރައީސް ވަނީ ކެބިނެޓަށް ބޮޑެތި ބަދަލްތަކެއް ގެންނަވާފަ އެވެ. މި ބަދަލާއެކު މިހާރު ސަރުކާރުގައި އޮންނަނީ 21 މިނިސްޓްރީ އެވެ.