ރޯދައިގެ ކުރިން ފްލެޓްތައް ހަވާލުކުރަން މަސައްކަތް ކުރަނީ

09 ޖެނުއަރީ 2025 - 09:55
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 400 ފްލެޓް އޭގެ ހައްޤުވެރިންނަށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މި 4000 ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.
އެގޮތުން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންގެންދަވާކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަކަށް މި 4000 ހައުސިންގ ޔުނިޓު އޭގެ ވެރިފަރާތްތަކަށް ދޫކުރެވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާޢީ މައްސަލަކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ މުހިންމު ހުރިހާ މަޝްރޫޢެއް މިމަހުގެ ތެރޭގައި ޢިއުލާންކުރައްވާ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ.
އަދި ހައުސިންގ މަޝްރޫޢުތައް ބޮޑަށް ބައްޓަންކުރައްވާނީ ސަރަޙައްދީ އުސޫލުންކަމަށާއި އޭގެ ސަބަބުން އުތުރުގެ ހުރިހާ ހައުސިންގ މަޝްރޫޢެއް އެއް ކޮންޓްރަކްޓަރެއް މެދުވެރިކޮށް ކުރުމުން ކުރަންޖެހޭ ޚަރަދު ކުޑަކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަދި ޑައިރެކްޓް ކޮންޓްރެކްޓް އުސޫލުންވެސް މިމަސައްކަތް ކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުންވަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް 1.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައެވެ. އަދި އަމިއްލައަށް ގެދޮރު ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށްޓަކައި 1 ބިލިއަން ރުފިޔާގެ ލޯން ސްކީމްތަކެއްވެސްވަނީ ތަޢާރަފްކުރައްވާފައެވެ.
އިތުރު ލިޔުންތައް

އެފްޑީސީން ހުޅުމާލޭގައި އަޅާ 16 ޓަވަރެއްގެ ސްޓަރްކްޗާގެ މަސައްކަތް ނިމިއްޖެ
7 މަސް ކުރިން
ރައީސް މުއިއްޒުގެ މަރުހަބާ ލަންކާގެ އިންތިހާބީ ރައީސްއަށް!
7 މަސް ކުރިން
އެމެރިކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރައްވައިފި
7 މަސް ކުރިން